މިދިޔަ އާދިއްތަ ދުވަހު ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އާއި ދެކޮޅަށް އާސެނަލް ކުޅެ 2-1 ލަނޑުން ބަލިވި މެޗުގައި އެލެކްސް އޮކްސްލޭންޑް ޗެމްބަލެންގެ ބަދަލުގައި އަންދުރޭ އަރުޝަވީން ކުޅެން އެރުވުމަކީ ރަނގަޅު ބަދަލެއް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އާސެނަލްގެ ޓީމުގެ ފުރަތަމަ އެގާރަ އިން ފެންނަމުން ނުދާ އުމުރުން އަށާރަ އަހަރުގެ ޗެމްބަލެން ވަނީ މެންޔުނައިޓެޑް އާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާ ނަތީޖާ 1-1 ލަނޑަށް ބަދަލުކުރުމަށް އާސެނަލް އަށް އެހީތެރިވެދީފަ އެވެ. މެޗުގެ ދެވަނަ ހާފުގައި ޗެމްބަލެން ބޭލުމަށް ފަހު އަރުޝަވީން އެރުވުމުން ސަޕޯޓަރުންގެ ފަރާތުންނާއި އާސެނަލްގެ ކެޕްޓަން ރޮބިން ވެންޕާސީގެ ފަރާތުން ރުޅިވެރިކަމުގެ ޝުއޫރެއް ފާޅުވެގެން ދިޔަ އެވެ.

"ޗެމްބަލެން ހުރީ އަނިޔާގައި. މެންޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަކީ އޭނާ ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައަށް ކުޅުނު މެޗު. އަހަރެންނަށް އެނގޭ ސަޕޯޓަރުން އެކަމާ މެދު ހިތްހަމަ ނުޖެހި ހުރިކަން. ޗެމްބަލެން ބޭލުމަށް ފަހު އެރުވި އަރުޝަވީން އަކީ ރަޝިޔާ ގައުމީ ޓީމުގެ ކެޕްޓަން. އަހަރެން ކޯޗުކަން ކޮށްދޭތާ މިހާރު ތިރީސް އަހަރު ވެއްޖެ. އެ މުއްދަތު ތެރޭގައި 50،000 ބަދަލު ކުރިން. އަހަރެންނަށް ގެންނަ ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއް ކަމަށް އަހަރެން ގަބޫލުކުރަން." ވެންގާ ބުންޏެވެ.

މެންޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން އާސެނަލް އަށް ވަނީ ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ބުރަ މަސައްކަތެއް ކުރަން ޖެހިފައެވެ. މިވަގުތު އެޓީމު އޮތީ ލީގުގެ ފަސްވަނާގަ އެވެ.