ހުވަދު އަތޮޅުގައި މަހަށް ނުކުމު އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، ގއ. އެކަފަރުގެ އިރު އުތުރުން 1.5 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ "ކޯމަސް" ދޯނީގައި ހުރި 36 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލަށް ބުޅިއެއް ހެރިގެން އުޅޭކަމުގެ ރިޕޯޓު މިއަދު ހެނދުނު 11:30ގައި ލިބިފައިވާ ކަމަށެވެ. ކޯމަސް ދޯންޏަކީ ގއ. މާމެންދޫ ދޯންޏެކެވެ.

އެމްއެންޑީއެފްއިން ބުނީ އެކަމުގެ ރިޕޯޓު ލިބިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ މީހާ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އަނިޔާވި މީހާ 13:30 އެހާކަންހާއިރު ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އަދި މިހާރު އޭނާއަށް ދަނީ ފަރުވާދެމުންނެވެ.