09 Dec 2020, 13:03
ރާއްޖެ އާއި ޗައިނާ ސަރުކާރާ ދެމެދު މަތީ ލެވަލްގެ މަޝްވަރާތައް މާދަމާ ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޗެންގް ސޮންގް އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެގޮތުން ކޮވިޑް-19އާ ގުޅުން ހުރި ކަންކަމާއި ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަގުވާމީ ދަތުރުފަތުރާ ބެހޭ ގޮތުން ވެސް މަޝްވަރާކުރަނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީން އަދި ބުނީ ދެ ގައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރާ މި ދަނޑިވަޅުގައި ތަރައްގީގެ ބައިވެރިންނާއެކު ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިންް ބުންޏެވެ.
ގައުމުގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި މި މަޝްވަރާތައް އިސް ދައުރެއް އަދާކުރާ ކަމަށާއި އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު، ޗައިނާ އަކީ ކޮވިޑް-19ގެ ހާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.
ޗައިނާއަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ގައުމެވެ.
އެކި ދާއިރާރަކުން ޗައިނާއިން ދަނީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރާއްޖެ އާއި ޗައިނާ އާ ދެމެދު ޑިރެކްޓާ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ބާއްވާފައިވެ އެވެ.