ރެއާލް މެޑްރިޑް މިހާރު ކުޅެމުންދާ ކުޅުން ކުރިއަށް ގެންދާ ނަމަ، ސްޕެއިން އަދި ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާ ބަލިކުރެވިދާނެ ކަމަށް ރެއާލްގެ ފޯވާޑް ހޯސޭ ކަލެހޮން ބުނެފި އެވެ.

ސްޕެނިޝް ލީގުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއްގައި އަދިވެސް އޮތީ ރެއާލް އެވެ. ވާދަވެރި ބާސާ އޮތީ ލީގުގެ ދެވަނާގަ އެވެ. މި ދެ ކުލަބުގެ ކުރިމަތިލުމެއް މާދަމާރޭ ކުރިއަށް ދާ އިރު، ދެކުލަބުން ވެސް ދަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. ސްޕެނިޝް ކަޕްގެ ދެވަނަ ލެގުގައި މި ދެ ޓީމު ވާދަކުރާ އިރު، ރެއާލް އަށް އޮތީ މޮޅުވުމަށް މަޖުބޫރުވެފަ އެވެ. އެއީ ފުރަތަމަ ލެގުގައި ބާސާ އަތުން 2-1 ލަނޑުން ރެއާލް ބަލިވުމުންނެވެ.

ސްޕެނިޝް ލީގުގައި އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗުތަކުން ފަސޭހަކަމާ އެކު މޮޅުވެފައިވެ އެވެ. މާދަމާރޭގެ މެޗުގައި ފެނިގެންދާނެ އެންމެ މޮޅު ދެކުޅުންތެރިން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބާސާގެ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އެންމެ ފަހުން ކުޅުނު މެޗުން ކޮންމެ ކުޅުންތެރިއެއް ވެސް ވިދާލާފައި ވެއެވެ.

ސްޕެނިޝް ލީގުގައި ކުރިއަރަމުން އަންނަ އަނެއް ތަރިއަކީ ކަލެހޮން އެވެ. ސްޕެނިޝް ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅެ 4-1 ލަނޑުން ރެއާލް މޮޅުވި މެޗުގެ އެންމެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކަލެހޮން އެވެ.

"މިހާރު ރެއާލް އިން ދައްކަމުން މިދަނީ މޮޅު ކުޅުމެއް. މިކުޅުން ކުޅެފި ނަމަ، ބާސާ އާއި ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުން މޮޅުވާނެކަން ޔަގީން. ބާސާގެ މައްޗަށް ކުރި ހޯދުމަކީ އުނދަގޫކަމެއް ކަމަށް ވިޔަސް މިރޭގެ މެޗުން މޮޅު ކުޅުމެއް ދައްކައިފި ނަމަ އެ ޓީމު ބަލިކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ." ކަލެހޮން ބުންޏެވެ.

ކަލެހޮން އަކީ އެސްޕާނިޔޯލް އަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުޅުމަށް ފަހު މިސީޒަނުގައި ރެއާލް އާ ގުޅުނު ކުޅުންތެރިއެކެވެ. އެސްޕާނިޔޯލް އާއި ގުޅުމުގެ ކުރިން ރެއާލްގެ ޒުވާން ޓީމަށް ވެސް ކަލެހޮން ކުޅެފައިވެ އެވެ.