ތެހެރާން (ޑިސެންބަރު 9) : އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާބެހޭ ގޮތުން އެއްވެސް ގައުމަކާ އެކު ދެން މަޝްވަރާ ނުކުރާނެކަމަށާއި މަޝްވަރާގެ ކަންތައް ވަނީ 2015ގައި ނިމިފައި ކަމަށް އީރާނުގެ ސަރުކާރުން ބުނެފި އެވެ.

އީރާން ސަރުކާރުގެ ތަރުޖަމާން އަލީ އައްރުބައިޢީ ވިދާޅުވީ ނިއުކްލިޔާ އެއްބަސްވުން ދިރުވަން ބޭނުން ނަމަ އެމެރިކާ ޖެހޭނީ އެއެއްބަސްވުމަށް އެނބުރި ރުޖޫޢަވާށެވެ. ނިއުކްލިޔާ އެއްބަސްވުމުގެ ތެރެއަށް އިތުރު ބައިތައް ލުމަށްޓަކައި އެއްވެސް ގައުމަކާ އެކު އީރާނުން ދެން މަޝްވަރާ ނުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ. އީރާނުން މިހެން ބުނެފައި ވަނީ 2015ގައި ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަށް އިތުރުބައިތައް ލައިގެން އެއެއްބަސްވުގެ ސްކޯޕް އިތުރަށް ބޮޑުކޮށް ފުޅާކުރުމަކީ މުހިއްމު ކަމެއްކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ވިދާޅުވުމާ ގުޅިގެންނެވެ.

ބައިޑެން މިހެން ވިދާޅުވުމާ ގުޅިގެން ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނޭ ޖަރުމަނުން ވެސް ވަނީ ނިއުކްލިޔާ އެއްބަސްވުމަށް އިތުރުބައިތައް ލުމަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ. ނިއުކްލިޔާ އެއްބަސްވުމުގައި ހިމަނަން އެމެރިކާ އިތުރަށް ބޭނުންވާ ދެކަމަކީ އީރާނުގެ މިސައިލް ޕްރޮގްރާމު ކޮންޓްރޯލް ކުރުމާއި މެދުއިރުމަތީގެ ގައުމުތަކަށް އީރާނުން ހިންގާކަމަށް އެމެރިކާއާއި ދެކޭ ބާރާއި ނުފޫޒު ހުއްޓުވުންވެސް ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނުމެވެ.

ޓްރަމްޕްގެ ސަރުކާރުން ވެސް ބޭނުންވީ މިކަން ކުރުމަށެވެ. އީރާނުން މިކަމަށް ދެކޮޅު ހެދުމުން ޓްރަމްޕްގެ ސަރުކާރުންވަނީ މިކަމަށް އެއްބަސްވާން އީރާން މަޖްބޫރު ކުރުވުމަށްޓަކައި ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ދަތިކުރުމުގެ މިފިޔަވަޅުތައް އަޅައިގެން އީރާން ގުޑުވާލެވޭނެކަމަށް ޓްރަމްޕް އުންމީދު ކުރެއްވި ނަމަވެސް ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އަންނައިރު ވެސް ޓްރަމްޕް ހީކުރެއްވި ގޮތަށް މިކަން ވެފައެއް ނުވެ އެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގެ މަޝްވަރާތައް ކުރިޔަށް ދިޔަ ދުވަސްވަރު އެމެރިކާއާއި ދުނިޔޭގެ އެހެން ބާރުތަކުގެ ޚާރިޖީ ވަޒީރުންނާއެކު އީޜާނުގެ ޚާރިޖީ ވަޒީރު ، ޒަރީފް

މިހާރުވެސް އީރާން ބުނަނީ ނިއުކްލިޔާ އެއްބަސްވުމަށް އިތުރު ބައިތައް ނުލެވޭނެ ކަމަށާއި އަދި އެކަމާބެހޭ ގޮތުން މަޝްވަރާ ވެސް ނުކުރާނެކަމުގަ އެވެ. އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އިއްޔެ ވިދާޅުވި ގޮތުގައި ނިއުކްލިޔާ އެއްބަސްވުމުގައި އީރާނުގެ މިސައިލް ޕްރޮގްރާމް ކޮންޓްރޯލް ކުރުން ހިމަނަން އެމެރިކާ ބޭނުން ވަނީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ގާބިލްކަން ނެތްގައުމަކަށް އީރާން ހެދުމުގެ ނުބައި ރޭވުމުގެދަށުން ކަމުގަ އެވެ. އެމެރިކާގެ ވެސް އަދި އިސްރާއީލުގެ ވެސް މެދުއިރުމަތީގެ ސްޓްރެޓެޖީ އަކީ މެދުއިރުމަތީގައި އަބަދުވެސް އަސްކަރީގޮތުން އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި އަބަދުވެސް އިސްރާއީލު ބޭއްވުމެވެ.

އީރާނުގެ މިސައިލް ޕްރޮގްރާމު ހުއްޓުވަން ނޫނީ ކޮންޓްރޯލް ކުރަން އެމެރިކާ ބޭނުންވަނީ އެޕްރޮގްރާމުގެ ސަބަބުން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް ރައްދު ދެވޭވަރުގެ ގައުމަކަށް އީރާން ވެފައިވާތީ އެވެ. އިސްރާއީލަށް ރައްދު ދެވޭފަދަ ގައުމެއް މެދުއިރުމަތީގައި އޮތުމުގެ ފުރުސަތު ނުދިނުމުގެ ބޭނުމުގަ އެވެ. އިސްރާއީލު ވަނީ އިރާގުގާއި ސޫރިޔާގެ ނިއުކްލިޔާ މަރުކަޒުތަކަށް ވެސް ޙަމަލާދީ އެތަންތަން ހަލާކުކޮށްލައިފަ އެވެ.

އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރު ވެސް އުފައްދާ ގައުމެކެވެ. ނަމަވެސް އިސްރާއީލުގެ ނިއުކްލިޔާ ހަތިޔާރު ކޮންޓްރޯލް ކުރުމަކީ ނެތްކަމެކެވެ. އަދި މިސައިލާއި އެނޫންވެސް ބަރުހަތިޔާރު އިސްރާއީލުން އުފައްދައިފަ އެވެ. މީގެ އިތުރުން އެމެރިކާ ވެސް އެގައުމުގެ އެންމެ ޒަމާނީ ހަތިޔާރާއި އޭގެ ޓެކްނޮލޮޖީ ފޯރުކޮށްދޭ ގައުމަކީ އިސްރާއީލަށެވެ. އަނެއްކޮޅުން އިސްރާއީލު ފިޔަވައި ސައޫދީ އާއި މިސްރާއީ ޔޫއޭއީ ފަދަ އެމެރިކާގެ ބަސްއަހާ ގައުމުތަކަށް ވެސް އިސްރާއީލަށް ފޯރުކޮށްދޭވަރުގެ ޒަމާނީ މޮޅު ހަތިޔާރު އެމެރިކާއިން ފޯރުކޮށެއް ނުދެ އެވެ.

އީރާނުން އަމިއްލަ ޓެކްނޮލޮޖީގައި މިސައިލް އުފައްދަމުން ގެންދިޔުމުގެ ސަބަބުން އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނަށް ރައްދު ދެވޭވަރުގެ ގާބިލްކަން އީރާނަށް ލިބިގެންވާކަމަށް އެމެރިކާ ދެކެއެވެ. އީރާންވަނީ ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ޖަރީމާއަށް ބަދަލު ހިފުމަށްޓަކައި އިރާގުގައިހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް މިއަހަރުގެ ކުރީކޮޅު ރައްދު ޙަމަލާތަކެއް ދީފަ އެވެ.

އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ ޖަމާއަތުންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވެސް އިސްރާއީލުގެ އުދުވާނަށް ސީދާ އިސްރާއީލުގެ އަމާޒުތަކަށް މިސައިލުން ރައްދު ދެމުން ގެންދެ އެވެ. އެމެރިކާއާއި އިސްރާއީލުގެ ބޭނުމަކީ މިކަން ހުއްޓުމަކަށް ގެނަސް އީރާނަކީ އަދި އީރާނުގެ މަދަދު ލިބޭ ޖަމާއަތްތަކަކީ ވެސް އިސްރާއީލަށް އެއްވެސް ވަރަކަށް ރައްދު ނުދެވޭވަރުގެ ބަލިކަށި ބަޔަކަށް ހެދުމެވެ.

މެދުއިރުމަތީގެ ގައުމުތަކަށް އީރާނުން ހިންގާކަމަށް އެމެރިކާއިން ދެކޭ ބާރާއި ނުފޫޒު ހުއްޓުވުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނުމަށް އެމެރިކާ ގޮވާލި ގޮވާލުމާ ބެހޭ ގޮތުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގަނީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންކަމަށްވާ ޔޫރަޕްގެ ގައުމުތަކުން ކަމަށާ އެގައުމުތަކުން މެދުއިރުމައްޗަށް ނުފޫޒުގެ ވާހަކަ ދެއްކުމަކީ ޖޯކެއް ކަމުގަ އެވެ.

މެދުއިރުމަތީގެ ގައުމުތަކުގައި ދާޚިލީ ހަނގުރާމަތައް ފެށި ލިބިޔާއާއި ސޫރިޔާފަދަ ގައުމުތަކަށް ހަލާކުވެގެން ދިޔައީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އެގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވައި ސަރުކާރުތައް ގަދަބާރުން ވައްޓާލަން މަސައްކަތް ކުރުމުގެ ސަބަބުންކަމަށާ ހުއްޓުވަން ޖެހިފައިވަނީ އެމެރިކާއާއި ޔޫރަޕްގެ ނުފޫޒު ކަމަށްވެސް ޒަރީފް ވިދާޅުވިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އިތުރު ބައިތައް ނުހިމަނައި އެއެއްބަސްވުން އަލުން ދިރުވުމަށް އީރާން ތާއީދު ކުރާކަމަށް ޒަރީފް ވިދާޅުވިއެވެ. ނަމަވެސް އެ އެއްބަސްވުން ދިރުވޭނީ އެމެރިކާ އެ އެއްބަސްވުމަށް އަލުން ރުޖޫއަވެ އެ އެއްބަސްވުމާ ޚިލާފަށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިގެން ކަމަށް ޒަރީފް ވިދާޅުވިއެވެ. (އަލްޖަޒީރާ+ އަލްއާލަމް)