ކޮވިޑް19އާ ގުޅިިގެން އާމްދަނީ އަށް އަސަރުކުރި މީހުންނަށްދޭ އިންކަމް ސަޕޯޓް އެލަވެންސްގެ ތިންވަނަ ބުރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ.

ކޮވިޑް19އާ ގުޅިގެން އާމްދަނީ އަށް އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސް ދޭން ފެށީ މާޗު މަހުން ފެށިގެންނެވެ. އެގޮތުން އެ އެލަވަންސު ދެނީ ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާލި މީހުން އަދި މުސާރަ އުނިކޮށްފައިވާ ފަރާތްތަކަށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ދެވަނަ ބުރެއް ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އާމްދަނީ އަށް އަސަރު ކުރި މީހުންނަށް އެލަވެންސް ދޭން ފަހުން ނިންމި އެވެ.

މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވެންސް މި އަހަރުގެ ނިޔަލަށް ދޭން ނިންމައި، އެލަވެންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެގޮތުން ޖޮބްސެންޓަރުގެ ޕޯޓަލް މެދުވެރިކޮށް އެލަވެންސަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ 31 އާއި ހަމައަށް އޮންނާނެ އެވެ. ޑިސެމްބަރު މަހުގެ އެލަވެންސް އަށް އެދުމުގެ ފުރުސަތު ޖެނުއަރީ 10 އިން ޖެނުއަރީ 31ގެ ނިޔަލަށް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާއި ހަމައަށް އެލަވެންސް އަށް ހުށަހަޅާފައިވާ ފަރާތްތަކުން އިތުރު ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި 12 ޑިސެމްބަރަށް ހަމަވާނެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 26 ގެ ނިޔަލަށް 11،814 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 143.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.