09 Dec 2020, 09:49
ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ފަހަތުން އަރާ މާޒިޔާ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު، ކްލަބް އީގްލްސް އޮތީ އަދި ކުރިއަށް އޮތްތާ ވަރުގަދަވާން ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒް(މޯހަން) ބުނެފި އެވެ.
މެޗު ނިންމާ ނޫސްވެރިންނާ ވާހަކަ ދައްކަމުން މޯހަން ބުނީ މިހާރު އީގަލްސްގެ ސްކޮޑުގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި ކުޅުންތެރިން އިތުރަށް ލިބުމުން ސްކޮޑު އަދި އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ. އަދި އެއީ ކުރިއަށް އޮތްތާ ލިބެންއޮތް ހިންހަމަޖެހުމަކަށް ވެގެން ދާނެ ކަމަށާއި، އީގަލްސް ކުރިއަށް ދިޔުމުގެ އުންމީދު ވަރަށް ބޮޑުކަމަށް މޯހަން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެންގެ ސްކޮޑު ބަލާ ނަމަ މިފެންނަނީ ބޭރުން ދެން ތިބި ކުޅުންތެރިން ވަރަށް ޔަންގު، ވަރަށް ޔޫތު ކުޅުންތެރިން، ޕްރެޝަރުގައި. ހަގީގަތުގަ ކުޅެން އުނދަގޫ ވާވަރުގެ ކުޅުންތެރިންތަކެއް ފެންނަނީ، އެހެންވީމަ ސްކޮޑު ވަރަށް ކުޑަކޮށް ޖުމްލަ ގޮތެއްގަ މި ފެންނަނީ. ކުޅުންތެރިން ލިބުމާ އެކީގައި އަދި އިތުރަށް ކޮންމެ ގޮތެއްވިޔަސް ވަރުގަދަވެގެން ދާނެ. އެއީ ބޮޑު ހިތްހަމަޖެހުމެއް، މިއަދު މި ކުޅުނު ކުޅުމަށް ބަލާފައި. އަދި އިތުރަށް ސްކޮޑު އޮތީ ވަރުގަދަވާން ﷲ އިރާދަކުރެއްވިއްޔާ، އެހެންވީމާ ކުރިއަށް ދިޔުމުގެ ވަރަށް ބޮޑު އުންމީދު އެބައޮތް،" އޭނާ އިތުރަށް ބުންޏެވެ.
މީގެ ކުރިން ތިން ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައިވާ މާޒިޔާއިން ވަނީ ރޭގެ މެޗުގެ ފުރަތަމަ 10 މިނެޓުތެރޭ ދެ ލަނޑުޖަހައި މެޗުގެ ލީޑު ނަގައިފަ އެވެ. ނަމަވެސް އީގަލްސްއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައި މެޗުގެ ދެވަނަ ހާފްގައި ފަހަތުން އަރައި ތިން ލަނޑު ޖަހައިން މެޗު ކާމިޔާބު ކޮށްފަ އެވެ. އެ މެޗުން އީގަލްސްއަށް ކާމިޔާބީ ލިބުނީ ހަމަ ކުޅުންތެރިން ކުރި މަސައްކަތުންކަމަށް މޯހަން ވަނީ ބުނެފަ އެވެ.
"މާޒިޔާ ފަދަ ވަރުގަދަ ސްކޮޑަކާއެކީ އޮތް ޓީމެއް ކޮޅަށް ފަހަތުން އަރާ ތިން ގޯލް ޖަހާ މޮޅުވުމަކީ ފަސޭހަކަމެއް ނޫން. އެހެންވީމަ އެ ކާމިޔާބީއަކީ ހަމަ ވަރަށް ފުރިހަމަ ކާމިޔާބީއެކޭ ދަންނަވަން ޖެހޭނީ. ހަމަ ހުރިހާ ޝުކުރެއް ހައްގުވަނީ ހަމަ ކުޅުންތެރިންނަށް، ކުޅުންތެރިން ކުރި މަސައްކަތާ ކުޅުންތެރިން ކުރި ހިތްވަރަށް،" މޯހަން ބުންޏެވެ.
މީގެ ކުރިން ދިހަ ފަހަރު އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކުޅެފައި ވާއިރު، މާޒިޔާ ވަނީ އޭގެ ތެރެއިން ހަ މެޗުގައި ބައިވެރިވެފަ އެވެ. އަދި އޭގެ އިތުރުން އެ ކްލަބުން ވަނީ 2015، 2016 އަދި 2017 ވަނަ އަހަރު އެ މެޗު ކާމިޔާބުކޮށް ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. ރޭ ކުޅުނު މެޗަކީ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް އީގަލްސްއިން ބައިވެރިވި ފުރަތަމަ ފަހަރުގެ އިތުރުން، އެ ޓީމުން އެ ޝީލްޑް ކާމިޔާބުވެސް ކުރި ފުރަތަމަ ފަހަރެވެ.