އިނގިރޭސި ޑިފެންޑަރު ގޭރީ ކަހިލް ޗެލްސީ އާއި ގުޅުނީ އެކުލަބުގެ ކެޕްޓަން އަދި ޑިފެންޑަރު ޖޯން ޓެރީގެ މައްޗަށް ކުރިހޯދަން ބޭނުންވެގެނެއް ނޫން ކަމަށް ކަހިލް ބުނެފި އެވެ.

ހަތް މިލިޔަން ޕައުންޑަށް ބޮލްޓަން އިން ޗެލްސީ އަށް ބަދަލުވި ކަހިލް އަށް އެކުލަބުގެ ފަހަތުގެ މަގާމެއް ހޯދުމަށް ބުރަ މަސައްކަތެއް ކުރަން ޖެހޭނެ އެވެ. ޗެލްސީގެ އެންމެ ފަހަތަށް މިހާރު ކުޅެމުންދަނީ ކެޕްޓަން ޓެރީ އާއި ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒް އެވެ. އެހެންކަމުން ޓެރީ އާއި ލުއިޒް އާއި ވާދަކޮށް ކުރިއަރަން ކަހިލް އަށް ވަނީ މަޖުބޫރު ވެފަ އެވެ.

"ޓެރީ އާއި ހަމައަށް ދިއުމަށް އަހަރެންނަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭ. ޓެރީ އަށް ވުރެ ކުރިއަރައިގެން ދާކަށް އަހަރެން ނުވިސްނަން. ޓެރީގެ ކެރިޔަރުގެ ކާމިޔާބީ އާއި ހަމައަށް އެރުމަކީ ވެދާނެ ކަމެއް ކަމަށް އަހަރެން ނުދެކެން." ކަހިލް ބުންޏެވެ.
"އަހަރެންނަށް ވެސް ކާމިޔާބީ ކެރިޔަރެއް ހޯދިދާނެ. އެކަމަކު ޓެރީ އަކީ ޗެލްސީ އާއި އިނގިރޭސި ގައުމީ ޓީމާ އެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިއެއް. ޓެރީގެ ކާމިޔާބީ ކެރިޔަރުގެ ދެބައިކުޅަ އެއްބަޔާއި ހަމައަށް ވާސިލުވިޔަސް އަހަރެން އެކަމަށް އުފާކުރާނަން." ކަހިލް ބުންޏެވެ.

އެސްޓަން ވިލާ އިން ކެރިޔަރު ފަށައިގަތް ކަހިލް ވަނީ އެ ޓީމުގެ ޒުވާން ޓީމަށާއި ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ. ލޯނުގެ ދަށުން ބާންލޭއަށާއި ޝެފީލްޑް ޔުނައިޓެޑަށް ކުޅުމަށް ފަހު 2008 ވަނަ އަހަރު ބޮލްޓަން އާއި ގުޅުނީ ތިން އަހަރާއި ބައިގެ ކޮންޓްރެކްޓެއްގަ އެވެ.