08 Dec 2020, 23:08
ރަހީނުކޮށް އަނިޔާވެރިގޮތަކަށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމަކީ އުނދަގޫ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ވީޑިއޯ މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނޫސްވެރިކަމުގެ އެފަދަ ހަފްލާއެއް ކުރިއަށް ދާއިރު ރިލްވާން އަދި ޔާމީން ގެ ހަނދާންތައް އާވާ ކަމަށެވެ.
"އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، އަޅުގަނޑުމެން ހުއްޓައެއްނުލަން. އެއީ، އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ." ރައީސް ސޯލިހު ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުޖުތަމައުގެ ގިނަ ބަޔަކަށް އަދި ގިނަ ނޫސްވެރިންނަށްވެސް ގަބޫލުކުރެވިފައި އޮންނަނީ، ނޫސްވެރިކަމަކީ ކަމެއް ހިނގީމާ އެކަމެއް ހިނގިކަން، ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމަށް ކަމަށެވެ. ނުވަތަ އެ ނޫސްވެރިއަކު ޝައުގުވެރިވާ ދާއިރާއަކުން، ރިޕޯޓެއް ނުވަތަ ފީޗާއެއް ލިޔެލުމަކީ ނޫސްވެރިކަން ކަމަށް ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެން ނަމަވެސް ނޫސްވެރިކަމުގެ ދާއިރާ އެއަށްވުރެ މާ ފުޅާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއިރަކު ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުމަކީ ވެސް، ނޫސްވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ހައްލު ހޯދަންޖެހިފައިވާ އިޖުތިމާއީ ބޮޑެތި މައްސަލަތައް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ، މިފަދަ މައްސަލަތަކާ ބެހޭގޮތުން ނޫސްވެރިން ނުލިޔުއްވާ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ، މަސްތުވާތަކެއްޗާ ދުރަށްދާނެގޮތާއި، އެފަދަ މައްސަލަތައް ހައްލުކުރާނެގޮތް ބުނެދީ، އެކަންކަން ހައްލުކުރުމުގެ ގޮތުން ތަކުރާރުކޮށް ލިޔެވޭ ލިޔުންތައް މަދު ވާހަކަ." ރައީސް ވިދާޅުވި އެވެ.
ނޫސްވެރިންގެ ޒިންމާއަކަށް ވާންވަީ ރައްޔިތުންނަށް ރަނގަޅު މަގު ދައްކައި ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
މިރޭ ބޭއްވި ނޫސްވެރި ކަމުގެ އިނާމު ދިނުމުގެ ހަފްލާގައި 11 ދާއިރާއަކުން އެވޯޑު ހާސިލުކުރި ނޫސްވެރިނަނަށް ވަނީ އެވޯޑު ދީފަ އެވެ.