08 Dec 2020, 20:09
މިއަދު އަތުލައިގަތް ޑުރަގުގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފަރީދީމަގުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ކާރެއްގެ ޑިކީގެ ތެރެއިން ދެ ގޯންޏާއި ސޫޓްކޭހުގައި ބަންދުކޮށްފައި ހުރި 71 ކިލޯގެ ޑްރަގު ފެނިފައިވެ އެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ބައެއް މައުލޫމާތު ހާމަކުރައްވަމުން ކޮމިޝަނަރު ހަމީދު މިރޭ ވިދާޅުވީ ކާރުގެ ތެރެއިން ހޯދިފައި ވަނީ 71 ކިލޯގެ ހެރޮއިން ކަމަށެވެ. އަދި ބައެއް ފޮޓޯތައް ވެސް ހާމަކުރައްވަމުން ސީޕީ ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދިމާވާ ގޮންޖެހުންތަކާ އެކުވެސް ރާއްޖެއަށް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށެވެ.
"މިއަދު ފެނުނު ހޮރެއިންގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާވޭ،" ސީޕީ ހަމީދު ޓްވީޓްގައި ލިޔުއްވި އެވެ.