24 Jan 2012, 16:38
ރެއާލް މެޑްރިޑުން ވާދަވެރި ބާސެލޯނާގެ މައްޗަށް ކުރި ހޯދަން ބޭނުން ނަމަ، ބާސާގެ ބަލި ފައިގައި ހިފުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރެއާލްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ ބުނެފި އެވެ.
އަންނަ ބުދަ ދުވަހު ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބާސާ އާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނަ އިރު، އެ ޓީމަށް ވަނީ އެމެޗު ކާމިޔާބު ކުރުމަށް މަޖުބޫރުވެފަ އެވެ. އެއީ މިދިޔަ ހަފްތާގައި ބާސާ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1 ލަނޑުން ރެއާލް ބަލިވުމުންނެވެ.
މިސީޒަނުގައި ރެއާލް އާއި ބާސާ ވަނީ ދެ ފަހަރެއްގެ މަތިން ކުރިމަތިލާފަ އެވެ. ދެ ފަހަރު ވެސް ރެއާލް އަތުން ބާސާ މޮޅުވީ ފަހަތުން އަރާ ކުރި ހޯދުމަށް ފަހު އެވެ. މިދެ ޓީމުގެ ކުރިމަތިލުން ކޮންމެ ކޮޅަކަށް ނިމިގެންދިޔަ ނަމަވެސް ވެގެންދަނީ ފޯރިގަދަ މެޗަކަށެވެ.
"ބާސާ އާއި ދެކޮޅަށް ކުޅޭ އިރު، ގޯލުތައް ކާމިޔާބު ކުރުމަށް އިސްކަމެއް ދޭން ޖެހޭ. އެގޯލުތައް ކާމިޔާބު ކުރެވޭނީ ބާސާގެ ބަލިފައިގާ ހިފައިގެން. ބާސާގެ ބައްޔަކީ އަހަރެމެން އުފައްދާ ކޯނަރާއި ހިލޭ ޖެހުމުގެ ނުރައްކާ. އެހެންކަމުން ކޯނަރުންނާއި ހިލޭ ޖެހުންތަކުން ގޯލުތައް ކާމިޔާބު ކުރުމަށް އިސްކަމެއް ދޭން ޖެހޭ." ބެންޒެމާ ބުންޏެވެ.
މިސީޒަނަކީ ބެންޒެމާ ރެއާލް އަށް ދައްކަމުންދާ އެންމެ ރަނގަޅު ކުޅުން ދައްކަމުންދާ ސީޒަނެވެ. އޭނާ ވަނީ މިސީޒަނުގައި ކުޅުނު 31 މެޗުން 17 ލަނޑު ކާމިޔާބު ކޮށްފަ އެވެ.