08 Dec 2020, 18:39
ކޮވިޑް19ގެ ބަލިމަޑުކަމުގެ ނުރައްކާ އަދިވެސް ކުޑަނުވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންނާ އަންނަ ފަސިންޖަރުންނާ ބައްދަލުކުރުމަށް އެއާޕޯޓަށް ދިޔުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ އެއާޕޯޓުގެ ޓްރެފިކަށް މަޑުމަޑުން ބާރު ބޮޑުވަމުންދާ ކަމަށެވެ. މިއާއެކު އެއާޕޯޓުން އަންނަ ފަސިންޖަރުންނާ ބައްދަލުކޮށް ހެދުމަށް އެއާޕޯޓަށް ގޮސް ހެދުމަކީ މިވަގުތު އެދެވިގެންވާ ކަމެއް ނޫންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން ކޮންމެހެން ބޭނުމެއް އޮވެގެން ނޫނީ އެއާޕޯޓަށް ނުދާން އެމްއޭސީއެލް އިން އިލްމާސް ކުރެއެވެ. އެ ކުންފުނިން ބުނީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ބިރު އަދިވެސް ކުޑަ ނުވާ ކަމަށެވެ.
މީގެ ކުރިންވެސް އެމްއޭސީއެލް އިން ވަނީ ފަސިންޖަރުން ފުރުވުމަށްވެސް އެކަކަށްވުރެ ގިނަ މީހުން އެއާޕޯޓަށް ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖެެ އަށް އަންނަ އިންޓަނޭޝަނަލް ފްލައިޓުތަކުގެ އަދަދު އިތުރުވަމުންދާއިރު ޗުއްޓީ އާއި ދިމާކޮށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ބައެއް ގައުމުތަކަށް ދަތުރު ކުރުގައި ދިވެހިންނަށް ހުރަހެއް ނެތްއިރު، ކަރަންޓީނު ލުއި ގައުމުތަކަށް ޗުއްޓީ އަށް ދާ މީހުން ވަނީ ސްކޫލު ޗުއްޓީ އާއެކު އިތުރު ވެފައެވެ.
ރާއްޖެއިން ބޭރުން އަންނަ ދިވެހިންވެސް ރާއްޖެ އައުމަށްދަހު 10 ދުވަހަށް ކަރަންޓީނުވާން ޖެހޭއިރު ކަރަންޓީނު ނިންމުމަށްފަހު ޕީސީއާރު ޓެސްތު ހަދަން ޖެހެއެވެ.