08 Dec 2020, 17:59
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެނޑް އެގްރިކަލްޗާ އިން ވަރުވާއާށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ ވަރުވާ ދެއްކުމަށް ހަނދާންކޮށްދީފި އެވެ.
އެ މިނިސްޓްރީ އިންް ބުނީ 2021 ވަނަ އަހަރަށް ވަރުވާ ދެއްކުމުގެ މުއްދަތު މި ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެހެންކަމުން 31 ޑިސެމްބަރުގެ ކުރިން ފަޅުރަށްރަށް ވަރުވާއަށް ލިޔެފައިވާ ފަރާތްތަކުން ވަރުވާ ދެއްކުމަށް ހަނދާންކޮށްދޭ ކަމަށެވެ.
ފަޅުރަށްރަށުގެ ވަރުވާ ދައްކަން ޖެހެނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށެވެ. ވަރުވާ ދައްކަން ދާއިރު ރަށް ލިޔެދީފައިވާ ފަރާތުގެ އައިޑީ ކާޑު ނުވަތަ ކާޑުގެ ކޮޕީ އެއް ގެންދަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ ވަރުވާ އަށް ދައްކަން ޖެހޭ ފައިސާ އެ ރަށެއް ނިސްބަތްވާ އަތޮޅު ކައުންސިލުންވެސް ބަލައިގަންނާނެ ކަމަށެވެ.
މީގެ އިތުރުން 2021 ވަނަ އަހަރުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވާއިރު ރަށަށް ދައްކަންޖެހޭ ވަރުވާ ނުދައްކާނަ،މަ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފައިސާ ނުދައްކާ ފަރާތްތަކާމެދު އަމަލު ކުރެވޭނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން މީގެ ކުރިން ވަނީ ފަޅުރަށްރަށުގެ ވަރުވާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގަވައިދަށް އިސްލާހު ގެނެސް އެއް އަހަރު ދުވަހުގެ ވަރުވާ އެއްފަހަރާ ދެއްކުމުގެ ބަދަލުގައި ވަރުވާ ހަތަރު ޕޭމަންޓްގެ ގޮތުގައި ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދީފައެވެ.