08 Dec 2020, 15:52
މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން އަތުލައިގަތް އެންމެ ބޮޑު އެއް ޑްރަގު ޝިޕްމަންޓް މިއަދު އަތުލައިގެންފި އެވެ.
ފުލުހުން ބުނި ގޮތުގައި 71 ކިލޯގެ މަސްތުވާތަކެތި ވަނީ މި އޮޕަރޭޝަންގެ ތެރެއިން އަތުލައިގެންފަ އެވެ. އެތަކެތި ފުލުހުން ހޯދާފައި ވަނީ ފަރީދީ މަގުގައި ހުންނަ އެފްޑީއައި ކައިރީ މަގުމަތީ ޕާކްކޮށްފައި އޮތް ކާރެއްގެ ޑިކީގެ ތެރެއިންނެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ޑިކީއިން ފެނުނު މަސްތުވާތަކެތި ހުރީ ދެ ގޯންޏާއި ދެ ސޫޓްކޭހެއްގައި ބަންދުކޮށްފަ އެވެ.
މިއަދު މެންދުރު ފަހުން ފެށިގެން ފަރީދީމަގުގެ އެއް ބްލޮކް ފުލުހުން ބަންދުކޮށް ބަލައި ފާސްކޮށްފައި ވަނީ ހަ މީހެއްގެ ހާޒިރުގަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޑްރަގު ނެޓްވޯކުގައި ހިމެނޭ ކަމަށް ތުހުމަތުވާ 10 މީހަކު އެ އޮޕަރޭޝަންގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ކަމަށެވެ.
ކޮމިޝަނަރު ހަމީދު ވިދާޅުވި ގޮތުގައި މިއަދުގެ އޮޕަރޭޝަންގައި އަތުލައިގެންފައި ވަނީ ރާއްޖެ ސުމަގުލްކޮށްފައިވާ ކަމަށް ބެލެވޭ ޑްރަގުތަކެކެވެ.