ކޮވިޑް19ގެ ބަލިމަޑުކަމާ އެކު ދުނިޔޭގެ ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް ކުރިމަތިވި މިއަހަރު މި ވަނީ މިހާރު ނިމުމަކާ ގާތްވެފަ އެވެ. އަހަރުގެ ބޮޑުބައި ބަލިމަޑުކަމެއްގެ ތެރޭ އުޅެން ޖެހުމުން ޓޫރިޒަމް ވެސް އޮތީ އެތައް މަހަކަށް ހުުއްޓިފަ އެވެ. އަދިވެސް ޓޫރިޒަމް ކުރިން އޮތް ވަރަށް ފުޅާވާނެ ދުވަހެއް ވެސް ލަފާކޮށްލަން އަދި ނޭނގެ އެވެ.

އެހެން ނަމަވެސް މިވައިރަހުން ސަލާމަތްވާން ކާމިޔާބު ވެކްސިންތަކެއް އުފެއްދުމާ އެކު، ޓޫރިޒަމަށް ދިރުން ލިބުމުގެ އުންމީދު އާ ވެއްޖެ އެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުގައި އާންމުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ފެށުމާ އެކު އެ އުންމީދު އަދި މާ ބޮޑަށް އާ ވެއްޖެ އެވެ.

މިހާރު އުފެދޭ ސުވާލަކީ މި ބައްޔަށް ކާމިޔާބު ވެކްސިނެއް އުފެއްދުމާ އެކު، ލިބުނު އުންމީދުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނީ ކޮން ހެޔޮ އަސަރެއް ހެއްޔެވެ؟

ވެކްސިނެއް ފެނުމުގެ ކުރިން ވެސް މިއަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ވަކި އުސޫލުތަކެއްގެ ދަށުން ފަތުރުވެރިކަމަށް ހުޅުވައިލި އެވެ. އެކަމަކު އެއީ ހަމައެކަނި ރިސޯޓުތަކަށެވެ. ނަމަވެސް ކުރިއާ ގާތްކުރާ ވަރަށްވެސް ފަތުރުވެރިން ނައި ނަމަވެސް، ދުވަހެއް ދުވަހަކަށް މަޑުމަޑުން ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އުންމީދީ ނަންބަރުތަކެއް

ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު އެކަނި 35،759 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މިއީ އޮކްޓޫބަރު މަހާ އަޅާބަލާއިރު 66 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ ތިން މަހުގެ އެވަރޭޖު ނަންބަރުތަކަށް ބަލާއިރު ވެސް ޓޫރިޒަމް ފެންނަނީ ވަރަށް ފަހިކޮށެވެ.

ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިންގެ އެވަރޭޖް އަދަދުތައް އުޅެނީ؛

  • ސެޕްޓެމްބަރު: 218

  • އޮކްޓޫބަރު: 694
  • ނޮވެމްބަރު: 1192

ދުވާލެއްގެ މައްޗަށް އެންމެ ގިނައިން އައި ފަތުރުވެރިންގެ އަދަދު؛

  • ސެޕްޓެމްބަރު: 696

  • އޮކްޓޫބަރު: 1475
  • ނޮވެމްބަރު: 2299

ދުވާލެއްގެ މައްޗަށް އެންމެ މަދުން އައި ފަތުރުވެރިންގެ އަދަދު؛

  • ސެޕްޓެމްބަރު: 97

  • އޮކްޓޫބަރު: 114
  • ނޮވެމްބަރު: 569

ވެކްސިނާ އެކު ބިރުފިލާ ދަތުރަށް އަރަނީ

ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިއްފަތު "ސަން"އަށް ވިދާޅުވީ މި ދުވަސްވަރަށް ބަލާއިރުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި ވެކްސިނާ އެކު އެ އަދަދު އަދި މާބޮޑުތަނުން އިތުރުވާނެ ކަމަށް ވެސް އޭނާ ލަފާކުރައްވަ އެވެ.

"މިހާރު ރިސްކެއް [ވެކްސިން ނުޖަހައި] އޮތް ނަމަވެސް ޕީސީއާރު ޓެސްޓު ހަދައިގެންވެސް ފަތުރުވެރިން ރާއްޖެއަށް އަންނަނީ ނޫންތޯ؟ ވެކްސިނެއް ނެތީމަ މި ތިބެނީ ބިރުވެރިކަމެއްގައި. އެހެންވީމަ ވެކްސިން ޖެހީމަ ދެކޮޅަށް [ރާއްޖެއާއި ބޭރު ގައުމުތަކަށް] ވެސް ނެތް ބިރުވެރިކަމެއް." ރިއްފަތު ވިދާޅުވި އެވެ.

މިއީ ސީޒަން ދުވަސްވަރު ކަމަށްވާއިރު، ރިއްފަތު ވިދާޅުވީ މިހާރުވެސް ރިސޯޓުތައް އޮތީ ފުރިފައި ކަމަށެވެ. އެއީ، އަދި ވެކްސިނެއް ނެތް އިރުވެސް ރާއްޖޭގެ ޓޫރިޒަމަށް އޮތް ބޮޑު ޑިމާންޑު ބުނެދޭ ހެޔޮ ފާލެއް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

"ރަނގަޅު މާކެޓިންއެއް ޖައްސާފައި، އަގުތަކަށް ޑިސްކައުންޓެއް ދިނީމަ ސީޒަނަށް ފުރިފައި ބައެއް ބޮޑެތި ރިސޯޓްތައް މިހިރީ... މިހާރު ދުވާލަކު އެވަރޭޖްކޮށް 2500-3000އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން އެބައާދޭ. ޑިސެމްބަރު 15ގެ ފަހުން އަދި މިއަށްވުރެ އިތުރުވާނެ." ރިއްފަތު ވިދާޅުވި އެވެ.

ފުށިފަރު މޯލްޑިވްސް ރިސޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޒަމާންވީ ބޭރުގެ ބައެއް މުހިންމު މާކެޓުތައް ވެސް އަންނަ އަހަރު ހުޅުވާލަން ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރައްވާ ރިފްއަތު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

ރާއްޖެ ޓޫރިޒަމްގައި ރިކޯޑު ހަދަނީ

އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ލަފާކުރައްވަނީ އަންނަ އަހަރުގެ މާޗު ހިސާބުގައި ރާއްޖޭގެ ފަތުރުވެރިކަން އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށެވެ. އަދި ކުރީގެ މުހިންމު މާކެޓުތައް ވެސް 2021ގެ ކުރީކޮޅުގައި "ރީބައުންޑް"ވާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

"މާޗް މަހުން ފެށިގެން ނޯމަލް ސްޓޭޓަސްގައި އިންޑަސްޓްރީ ހިނގާނެ. ޕެންޑެމިކްގެ ފަހުން ތަފާތު މާކެޓުތަކަށް ރާއްޖެއިން މި ފޯކަސް ކުރީ. މިސާލަކަށް އީސްޓަން ޔޫރަޕް، ރަޝިއާ. ކުރިން ޔޫރަޕްގެ މެއިން މާކެޓުތައް، މިސާލަކަށް އިޓަލީ، ފްރާންސް، ޔޫކޭއަށް ފޯކަސް ކުރީ. މި މާކެޓުތައް ރީބައުންޑް ކުރާނެ ދުވަސްކޮޅެއްގެ ތެރޭގައި. މާޗް މަހުން ފެށިގެން ނޯމަލް ސްޓޭޓަސްގައި އިންޑަސްޓްރީ ހިނގާނެ." ފިރާގު ވިދާޅުވި އެވެ.

ރާއްޖެ އައި ފަތުރުވެރިންތަކެއް --- ފޮޓޯ: ވީއައިއޭ

ޖުލައި މަހު އަލުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި ޓުއާ އޮޕަރޭޓަރުންނަށްވުރެ ޓްރެވަލް އެޖެންޓުންގެ ދައުރު ބޮޑުވި ކަމަށް ފިރާގު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އަލުން ކޮޅަށް ނެގުމަށް ރާއްޖެ އަންނަ ފްލައިޓްތައް އިތުރު ކުރުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ޓްރެވަލް އެޖެންޓުން އަސްލު ރިސްކެއް ނަގައިގެން، ފްލައިޓްތައް ޗާޓަރުކޮށްގެން ފަތުރުވެރިން ގެނައީ. އެހެންވީމަ އެޑްހޮކް ޗާޓާ ދަތުރުތައް އެޅުމުގެ ފިލާވަޅު މި ޕެންޑެމިކް ތެރޭގައި ދަސްވި. ޖެނުއަރީ މަހު އެބައާދޭ ރުމޭނިއާގެ ފްލައިޓްތަކެއް ވެސް. އެއީވެސް އެޑްހޮކް ޗާޓަރު ފްލައިޓްތަކެއް." ވިދާޅުވި އެވެ.

މި ހުރިހާ ކަންތައްތައް ދެމެހެއްޓިއްޖެނަމަ ކުރިއަށް އޮތް 2021 ވަނަ އަހަރަކީ، 2019ވަނަ އަހަރަށްވުރެ ވެސް ފަތުރުވެރިކަން ރަނގަޅުވާނެ އަހަރަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެންޗްމާކަކަށް މި ބަލަނީ 2019. މިހާރު މިދާ ޕޭސްގައި ހިފަހައްޓާލައިފިއްޔާ ވަރަށް ރަނގަޅުވާނެ، 2019އާ އަޅާބަލާއިރު އަންނަ އަހަރު 40 ޕަސެންޓު ކުރިއަރާނެކަމަށް މި ބަލަނީ." ފިރާގު ވިދާޅުވި އެވެ.

"މިހާރު މިއޮތް ރިދަމްއާއެކީގައި ދާން ޖެހޭނީ. ސަރުކާރުންވެސް ވާނެ އިންޑަސްޓްރީއާ ގުޅިގެން މަސައްކަތްކުރަން. އިންޑަސްޓްރީއަށް ބަދަލު އަންނަ ވަރަކަށް އުސޫލުތަކަށް ވެސް ބަދަލުގެންނަން ވާނެ."

އެޗްޕީއޭގެ ގައިޑްލައިން ލުއިކުރުން މުހިންމު

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލި ފަހުން ފަތުރުވެރިކަމަށް ހާއްސަ ގައިޑްލައިނެއް އެޗްޕީއޭއިން އެކުލަވާލާފައިވާއިރު، އެ ގައިޑްލައިންއަށް ކުރިން ވާހަކަ ދެއްކެވި ރިއްފަތުއާއި ފިރާގު ފާޑުވިދާޅުވެފަ އެވެ.

ރާއްޖޭގެ މުޅި އިގްތިސާދު ފަތުރުވެރިކަމާ ގުޅިފައި އޮންނަކަން ފާހަގަކުރައްވައި ރިއްފަތު ވިދާޅުވީ، އެޗްޕީއޭގެ ފިޔަވަޅުތައް ލުއިކުރުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގައިޑްލައިންގައި ހުރި ބައެއް ފިޔަވަޅުތަކަކީ މި ދުވަސްވަރު ބަލީގެ ހާލަތު އޮތް ގޮތާ ނުބައްދަލު މާ ހަރުކަށި ފިޔަވަޅުތަކެއް ކަމަށެވެ.

"ބައެއް ރަށްރަށް އެބަހުރި ގަވާއިދުގެ ދަށުން އޮޕަރޭޝަން ހުއްޓުވާފައި [ޕޮޒިޓިވް ކޭސްއެއް ފެނުމުން]. އެއީ މިކަހަލަ ދަނޑިވަޅެއްގައި ކުރުން ރަނގަޅު ކަމެއް ނޫން. ޕޮޒިޓިވް ކޭސްއެއް އައިމަ މުޅި ތަން ޝަޓްޑައުން ނުކޮށް، އެމީހަކު އެކަހެރި ކުރާނީ. އެބަހުރި މުޅިން އާ އިންވެސްޓްމަންޓްތައް ވެސް. އެ ފަރާތްތަކަށް ވަރަށް އުނދަގޫވާނެ ފަށައިގަންނަތަނުން އޮޕަރޭޝަން ހުއްޓުވީމަ." ރިއްފަތު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ އެޗްޕީއޭގެ ގަވާއިދަށް އަންނަ ބަދަލުތައް އަންގަންޖެހޭ ގޮތަށް އަންގަމުން ނުދާ ކަމަށާއި އޭގެ ސަބަބުން އިންޑަސްޓްރީގެ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"ޕެންޑެމިކްއެއް ވީމަ އުސޫލުތައް ބަދަލުވެސް ވާނެ. އެކަމަކު އެ އަންނަ ބަދަލުތައް ވާނެ ހާމަކުރަން. ކަމެއް ދިމާވެގެން ގުޅީމަ ދެން ވިދާޅުވަނީ ވަކި ކަމެއް ބަދަލުވެފައޭ އޮތީ." ފިރާގު ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ ގަވާއިދުގައި ހުރި ބައެއް ކަންތައްތައް ދެކޮޅު ނުޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ބޮޑަށް ސިފަ ކުރެވެނީ ގަވައިދަކީ ހަމައެކަނި ރިސޯޓުތަކަށް އަމާޒުކޮށްގެން ހަދާފައި އޮތް ގަވައިދެއް ގޮތަށް ކަމަށާއި ނަމަވެސް މި ސިނާއަތުގައި ރިސޯޓު ނޫން އެހެން ފަރާތްތައް ވެސް ޝާމިލުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވީމާ އެންމެންގެ ހިޔާލު ލިބިގެން އެސްއޯޕީތައް އެކުލަވާލުމަށް ފިރާގު ގޮވާލެއްވި އެވެ.

ރަށްރަށުގައި ގެސްޓްހައުސް ހުޅުވަން ހުއްދަ ދިނުމުން މާފުއްޓަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް -- ފޮޓޯ: ޓްވިޓާ

"ގަވާއިދަށް އެބަ ޖެހޭ ލުއި ގެންނަން. ދިވެހިންނަކީ ވެސް ހަމަ ޗުއްޓީއަށް ތަންތަނަށް ދާ މީހުން. ރަށްރަށަށް އެބަދެވޭ ވަކި އުސޫލެއްގެ ދަށުން. އެކަމަކު ގެސްޓެއްގެ ގޮތުގައި ރަށަކަށް ނުދެވޭ، ގެސްޓްހައުސްއަކަށް ނުދެވޭ. އެހެންވެ ގެސްޓްހައުސްތަކުގެ ކަންބޮޑުވުންވެސް އެބަހުރި،" ފިރާގު ވިދާޅުވި އެވެ.

"އިންޑަސްޓްރީގައި ހަމައެކަނި ރިސޯޓުތަކެއް ނޫން ހުންނާނީ. ސަފާރީތަކާ ގެސްޓްހައުސްތައް ވެސް އެބަހުރި. ހުރިހާ ފަރާތްތަކަށް ވެސް ފައިދާވާ ގޮތަށް ކުރިއަށްދާންވާނީ."

މީގެ އިތުރުން ޓޫރިސްޓް ވިސާ ދިނުމުގައިވެސް ލުއިގޮތްތަކެއް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އުސޫލު އޮންނަ ގޮތުން އޮން އެރައިވަލް ވިސާ ދޫކުރަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އަދި އިތުރު ފީއެއް ދައްކައިގެން 60 ދުވަހަށް ވިސާ އިތުރުކުރެވެ އެވެ. އެ އަދަދަށް ވުރެ އޮންއެރައިވަލް ވިސާގެ މުއްދަތު އިތުރުކޮށްދޭން ޖެހޭ ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ބޭނުމަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޓޫރިސްޓުންނަށް ހިތްވަރު ދިނުމެވެ.

"އޮން އެރައިވަލް ވިސާގެ މުއްދަތު 90 ދުވަހަށް އިތުރުކުރުން މުހިންމު. މިހެން މިދެންނެވީ މިސާލަކަށް 30 ދުވަހުގެ ވިސާއެއްގައި އައިސް، ކަރަންޓީން ވާން ޖެހިއްޖެނަމަ ޗުއްޓީގެ ބޮޑުބައެއް ގެއްލޭނެ. ވިސާ އާކުރުމަކީވެސް އިތުރު ވަގުތުތަކެއް ހޭދަވާނެ ކަމެއް." ފިރާގު ވިދާޅުވި އެވެ.

ބޮޑެތި ދަތިތަކާއި ތުރާލުގައި ވެސް ރާއްޖޭގެ ޓޫރިޒަމް މި އަންނަނީ ރެކޯޑު ހަދަމުންނެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވާ ގޮތަށް ރާއްޖޭގެ ޓޫރިޒަމުން މި ލިޔަނީ ކާމިޔާބީގެ މުޅި ދުނިޔެއަށް ނަމޫނާ ދައްކުވައިދޭނެ ވާހަކަ އެކެވެ. ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ޔޫރަޕްގެ ގައުމުތަކުގައި ވެކްސިންގެ ޕްރޮގްރާމްތައް ފެށުމާ އެކު ހާލުގައި އޮތް ރާއްޖޭގެ ޓޫރިޒަމް ހިންދެމިލުމުގެ އާ އުންމީދެއް މި ވަނީ ލިބިފަ އެވެ. ވެކްސިނުން ޓޫރިޒަމަށް ވެސް ހޯދައިދެނީ ޝިފާ އެކެވެ.