ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރު ކޮށްދިނުމުގެ ބޭނުމުގައި ޔޫތް މިނިސްޓްރީ އާއި ސްޕެޝަލް އޮލިމްޕިކް ކޮމިޓީ އަދި މޯލްޑިވްސް ޕެރައޮލިމްޕިކް ކޮމިޓީ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ ކުޅިވަރު ދާއިރާގައި ކުރިއަށް ދިޔުމަށް އެހީވެދިނުމުގެ ގޮތުން ފެށި މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން ޕެރައޮލިމްޕިކް އަދި ސްޕެޝަލް އޮލިމްޕިކް ކޮމިޓީގެ އިސް ވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެފްއޭއެމް އާއި ބެޑްމިންޓަން އެސޯސިއޭޝަން، ސްވިމިންގް އެސޯސިއޭޝަން، އެތްލެޓިކްސް އެސޯސިއޭޝަންގެ އިތުރުން ބައެއް ބެލެނިވެރިންވެސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީގެ ކުރިންވެސް ޕެރައޮލިމްޕިކް ކޮމިޓީ އަދި ސްޕެޝަލް އޮލިމްޕިކް ކޮމިޓީއެއް ހަދައިން މި މަސައްކަތް ކޮށްފައިވީ ނަމަވެސް، ބެލެނިވެރިން އެދިވަޑައިންނަވާ ވަރަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މި ލިބިގެންދާ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެކަމަށް މިނިސްޓަރ މަހުލޫފް ވަނީ ވދާޅުވެފަ އެވެ.

އޭގެ އިތުރުން އެކިއެކި އެސޯސިއޭޝަންތަކާއި ގުޅިގެން ހާއްސަ ކޮމިޓީއެއް އުފެއްދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން ދާ ކަމަށާއި، މިހާރު މާލޭ ސަރަހއްދުގައި މިކަން ފެށިނަމަވެސް މުޅި ރާއްޖެއަށް މިކަން ފުޅާކުރުމަށް މަސައްކަތް ކުރާނެކަމަށް މިނިސްޓަރ މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ސްޕޯޓްސް ޑިރެކްޓަރ އިބްރާހިމް ރަމީޒް ވިދާޅުވީ މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާނެކަމަށާއި، މި ފުރުސަތު ހުޅުވާލާފައި ވަނީ ކުދިން އިތުރުކުރުމުގެ އިތުރުން ވޮލިންޓައިރުން ހޯދުމަށާއި އިތުރު ބެލެނިވެރިން ވެއްދުމައްޓަކައި ކަމަށެވެ.

ފުޓްބޯޅަ އާއި އެތްލެޓިކްސްގެ އިތުރުން ސްވިމިންގް އާއި ބެޑްމިންޓަނަށް މިވަގުތު ރެޖިސްޓްރޭޝަން ހުޅުވާލާފައި ވިނަމަވެސް، ކަންކަން ރަނގަޅަށް ފަށައިގަނެވުމުން ކުޅިވަރުތައް އިތުރު ކުރާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އަންނަ ޖެނުއަރީ 10ގައި ތަމްރީނުތަކެއް ބާއްވާނެ ކަމަށާއި، މުޅި ރާއްޖެއަށް މިކަން ފުޅާ ކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް ރަމީޒް ވިދާޅުވި އެވެ.

މިނިސްޓާ މަހުލޫފް އާއި ޑިރެކްޓާ ރަމީޒްގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވި އެސޯސިއޭޝަންތަކުގެ އިސްވެރިންވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި އޭގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިންވެސް ވަނީ އެ ބޭފުޅުންގެ ޝުއޫރުތައް ފާޅު ކޮށްފަ އެވެ.