މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމަށް ގާނާގެ ކުޅުންތެރިޔަކާއި ސްރީލަންކާގެ ދެ ކުޅުންތެރިއެއް ގެނައުމުގެ މަސައްކަތް ކުލަބް ވިޔަންސާ އިން ފަށައިފި އެވެ.

ވިޔަންސާގެ ޗެއާމަން މުހައްމަދު ވިސާމް ވިދާޅުވީ، މި އަހަރުގެ ފުޓްބޯޅަ ސީޒަނާ ވިޔަންސާ އިން ކުރިމަތިލާ އިރު، ޓީމަށް ގެންނަން މަސައްކަތް ކުރާ ގާނާގެ ކުޅުންތެރިޔަކީ ފޯވާޑެއް ކަމަށެވެ. އަދި ލަންކާ އިން ގެންނަ ދެ ކުޅުންތެރިންނަކީ ފޯވާޑަކާއި ޑިފެންޑަރެއް ކަމަށް ވިސާމް ވިދާޅުވި އެވެ.

"ގާނާއިން ގެންނަނީ ފޯވާޑެއް. ލަންކާ އިން ގެންނަނީ ޑިފެންޑަރަކާއި ފޯވާޑެއް. އެކުޅުންތެރިން ގެނައުމުގެ މަސައްކަތް ކުރަމުން މިދަނީ." ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ، މިއަހަރުގެ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމްގެ ފަރިތަކުރުންތައް ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ އެއް ވަނު ދުވަހު ކަމަށެވެ. އަދި މިވަގުތު ޓީމުގައި 30 ކުޅުންތެރިންގެ ސްކޮޑެއް އެބޮތް ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

"ސީޒަނާ ކުރިމަތިލާ އިރު ޓީމްގައި ގިނައީ ޒުވާން ކުޅުންތެރިން. ޓީމްގެ ޓާގެޓަކީ މިފަހަރު ގަދަ ހަޔަކުން ޖާގައެއް ހޯދުން." ވިސާމް ވިދާޅުވި އެވެ.

ޖުމްލަ ހަތަރު ޓީމްގެ މެދުގައި މިދިޔަ އަހަރު ކުޅެވުނު ދިރާގު ދިވެހި ލީގު ކޮލިފިކޭޝަން ފުޓްބޯޅަ މުބާރާތުގައި އެންމެ ކުރީގައި އޮވެ، ވިޔަންސާ ވަނީ މި އަހަރުގެ ފުރަތަމަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފަ އެވެ.