ލަންޑަން (ޑިސެމްބަރު 8): އިނގިރޭސިވިލާތުން މިދިޔަ ހަފްތާގައި ހުއްދަ ދިން ކޮވިޑް-19 ވެކްސިން ޖެހި ފުރަތަމަ މީހަކަށް އެގައުމުގެ 90 އަހަރުގެ އަންހެނަކު ވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ވެކްސިންތަކަށް ހުއްދަދޭ އިދާރާ ކަމަށްވާ މެޑިސިންސް އެންޑް ހެލްތުކެޔާ ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރުއޭ)އިން މިދިޔަ ބުދަ ދުވަހު އެގައުމުގައި ބޭނުން ކުރަން ހުއްދަ ދިނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް ވެކްސިންއަށެވެ. އަދި އެގައުމުން އެންމެ ފުރަތަމަ ވެކްސިން ޖެހީ، އަންނަ ހަފްތާގައި 91 އަހަރު ފުރޭ އަންހެނެއް ކަމަށްވާ މާގަރެޓް ކީނަން އަށެވެ.

އެހެންކަމުން ކީނަން އަކީ ވެކްސިންގެ ޓެސްޓުތަކުން ބޭރުގައި، ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން ފައިޒާ ވެކްސިން ޖެހި ފުރަތަމަ މީހާ އެވެ.

ކީނަން ބުނި ގޮތުގައި އިނގިރޭސިވިލާތުގެ ކޮވެންޓްރީގެ ޔުނިވާސިޓީ ހޮސްޕިޓަލުގައި މިއަދު ހެނދުނު ފުރަތަމަ ވެކްސިން ޖެހި މީހާއަށް ވުމަކީ އޭނާއަށް ލިބޭ ޝަރަފެކެވެ. އަދި އެއީ އޭނާއަށް ވަރަށް ކަމުދާ "އުފަންދުވަހުގެ ހަދިޔާއެއް" ކަމަށްވެސް ބުނެފަ އެވެ.

"ކޮވިޑް ވެކްސިން ޖަހާ ފުރަތަމަ މީހާއަށް ވުމަކީ އަހަންނަށް ލިބޭ ޝަރަފެއް. އަދި މިއަހަރު ގިނައިން އެކަނި އުޅުމަށް ފަހު، މި ވެކްސިން ޖެހުމުން އަންނަ އަހަރު އަހަރެންގެ އާއިލާއާ އެކު ވަގުތު ހޭދަ ކުރެވޭނެތީ މިއީ އުފަންދުވަހާ ދިމާކޮށް ލިބުނު އެންމެ ރަނގަޅު ހަދިޔާ،" ކީނަން ބުންޏެވެ.

މީގެ އިތުރުން އެހެން މީހުންވެސް އެ ވެކްސިން ޖަހަން ކީނަން ހިތްވަރު ދިނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން މިއަދު ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށާ އިރު އެގައުމުން ވަނީ މިހާތަނަށް ފައިޒާ ވެކްސިންގެ 800،000 ޑޯޒް ހޯދާފަ އެވެ. އަދި 40 މިލިއަން ޑޯޒްއަށް އޯޑަރުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު މިލިއަން ޑޯޒް މިއަހަރު ނިމޭ އިރަށް ލިބޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނި ނަމަވެސް ބާކީ ގިނަ ޑޯޒްތައް ލިބޭނީ އަންނަ އަހަރު ކަމަށް ބީބީސީން ރިޕޯޓު ކުރި އެވެ.

އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައި ވަނީ 80 އަހަރުން މަތީގެ މީހުންނަށާއި ސިއްހީ މަސައްކަތްތެރިންނަށާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލާ ކެޔާ ސެންޓަރުތަކުގައި ތިބޭ މީހުންނަށެވެ.

އެގައުމަކީ ކޮވިޑް ވެކްސިންއެއް ބޭނުން ކުރަން ހުއްދަ ދިން ހުޅަނގުގެ ފުރަތަމަ ގައުމެވެ. އަދި އެގައުމުން ވަނީ ވެކްސިން ދޭން ފެށި ނަމަވެސް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ގައިދުރު ކުރުމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން އިލްތިމާސްކޮށްފަ އެވެ.