10 Dec 2020, 10:57
ކޮވިޑް-19 ޖެހިފައި ހުރިކަން އެންމެ ރަނގަޅަށް އެނގޭނީ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށްފަހު ކުރާ ޓެސްޓުތަކުންނެވެ. މިއީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އަދި ރާއްޖޭގައި ކޮވިޑާއި ދެކޮޅަށް މަސައްކަތްކުރާ ސިއްހީ މާހިރުން އަބަދުވެސް ދައްކާ ވާހަކައެކެވެ.
އެޗްއީއޯސީން ނޮވެމްބަރު 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ރާއްޖޭގެ ކަރަންޓީނު މުއްދަތު ކުރުނުކުރެވޭނޭ ސަބަބުކަމަށް ބަޔާންކޮށް ދެއްކި މައިގަނޑު ހުއްޖަތަކީވެސް ހަމަ މި އެވެ.
އެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ހަތް ދުވަހު ކަރަންޓީނުކޮށްފައި ދޫކޮށްލާ މީހުންގެ ތެރެއިންވެސް 20 ޕަސެންޓު މީހުން ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނަ ކަމަށާއި އަދި 11 ދުވަހަށް ކަރަންޓީނު ކުރިޔަސް ތިން ޕަސެންޓް މީހުން ޕޮޒިޓިވްވުމުގެ ފުރުސަތެއް އޮންނަކަމަށެވެ.
ކަރަންޓީނު ކުރާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ އެހެން ރަށްރަށުގައި ބަލި ފެތުރި ކޮންޓްރޯލުން ނައްޓާ މިންވަރަށް ކަންކަން ގޮސްދާނެކަމުގެ ބިރު އޮތުމާއިއެކު މާލެ ފިޔަވައި އެންމެ އެދެވޭ މިންވަރަށް އެހެން އަތޮޅުތަކުގެ ސިއްހީ ނިޒާމުގައި ކެޕޭސިޓީއެއް ނެތް ކަމަށް ޑރ. ނަޒްލާ ވަނީ އެދުވަހުވެސް ވިދާޅުވެފަ އެވެ.
އޭގެ ފަހުން ރާއްޖޭގެ އިތުރުން ބޮޑެތި އެހެން ބައެއް ގައުމުތަކުގައިވެސް ކަރަންޓީނުގެ މުއްދަތު މިވަނީ 10-7 ދެމެދަށް ކުރުކުރުމަށް ފުރުސަތު ދީފަ އެވެ.
އެހެންނަމަވެސް ރާއްޖޭގެ އެންމެ އާބާދީ ބޮޑު ވެރިރަށް މާލޭގައި ދިރިއުޅޭ މީހުން އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން އަދިވެސް މިތިބީ ރަށު ބަންދުގަ އެވެ. ކަރަންޓީނަށް 10 ދުވަހަށް އެހެން ރަށްރަށަށް ދެވުނު ނަމަވެސް އަދި ކަރަންޓީނު ކުރުމުގައި ރަނގަޅު ސަބަބުތަކެއް ހުރި ނަމަވެސް އަށް މަސް ދުވަސް ވަންދެން މާލޭގައި ރަށު ބަންދުގައި ތިބި އެތައް އާންމުންނެއްގެ ނުރުހުން ވަނީ ބޮޑުވެފަ އެވެ.
"ފަތުރުވެރިންނަށް ރާއްޖެ އާދެވޭ. ޓެސްޓުކޮށްލައިގެން ބޭނުން ތާކަށް ދެވޭ. އެކަމަކު އަހަރެމެން މި ތިބެން ޖެހެނީ އާއިލާ ކައިރިއަށްވެސް ނުދެވިފަ ޗުއްޓީގަވެސް. ކަރަންޓީނާއިއެކު ޗުއްޓީ ދޭން އޮތްނަމަވެސް އޮފީސްތަކުން އެއީ އެހާ ދޭން ބޭނުންވާކަމެއް ނޫން. 14 ދުވަސް ވިޔަސް 10 ދުވަސް ކަރަންޓީނަކީ ހަމަ ބުރަ ކަމެއް. ދެން 10 ދުވަހުގެ ކަރަންޓީނަކީ ހަމަ ބޮޑު ޖޯކެއް. 10 ދުވަސް ވިޔަސް ޓެސްޓުކޮށްގެން ނަތީޖާ ލިބޭއިރު ހުންނަނީ 13-15 ދުވަސް ވެފަ. އެޔަށް ވުރެ ރަނގަޅު ގޮތެއް އޮންނަން އެބަ ޖެހޭ." މި ރިޕޯޓަށް އާންމުންގެ ތެރެއިން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.
ފަތުރުވެރިންނަށް މާލެ ހުޅުވާލަނީ، ދެން ދިވެހިންނޯ؟
މި ހުރިހާ ދުވަހުވެސް އާންމުން ކުރާ ސުވާލަކީ ސަރުކާރުގެ އިސް ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުންވެސް ވަނީ ސަރުކާރުން "ކެމްޕޭނު" ކުރާ ކަމަށް ތުހުމަތުކޮށް އިދިކޮޅުން މާލޭގައި ބަންދުވެފައި ތިބެންޖެހޭތީވެ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔައިފަ އެވެ. މިކަމުގައި އެޗްޕީއޭއިން ތަފާތުކުރުންތަކެއް އަދި ހަމައެއް ނުގެންގުޅޭކަމަށް ކުރެވޭ ތުހުމަތުތަކުގައި ހަގީގަތެއްވެސް އެބަ އޮތެވެ.
މި ކަންބޮޑުވުންތަކެއް މިގޮތަށް އޮއްވާ ދެން އިވިގެންދިޔަ އަޑަކީ މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ޑިސެމްބަރު 14 ވަނަ ދުވަހު ހުޅުވާލަން ހުއްދަ ދިން ވާހަކަ އެވެ. އަންނަ ފަތުރުވެރިންނަށް 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރު ޓެސްޓެއް ބޭނުންވާނެކަމުގެ ވާހަކަތަކެވެ.
މި ފިޔަވަޅާއިއެކު މާލޭގެ އާންމުންގެ މެދުގައި ހުރި ހިތްހަމަނުޖެހުންތައް ބަންޑުންވެއްޖެ އެވެ.
"ކީއްވެގެންތޯ ފަތުރުވެރިންނަށް 72 ގަޑިއިރުގެ ޓެސްޓަކަށް ފަހު މާލެއަށްވިޔަސް ބޭނުންތާކަށް ދަތުރުކުރެވެންވީ؟،" މިއީ އާންމު މީހަކު ކުރި ސުވާލެކެވެ.
"ހަމަ އާންމު މީހާ ދަތުރުކުރަންވީމަތޯ ޖެހެނީ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން؟،"
މިފަަދަ އެތައް ސުވާލުތަކަކާ އެކު ބަހުސްތަކެއް އަންނަނީ ކޮފީ މޭޒުތަކާއި ސޯޝަލް މީޑިއާގައި ހިނގަމުންނެވެ.
"ތީގަ ނެތް ރަނގަޅެއް. ދިވެހިންނަށް ޓެސްޓު ކޮށްލައިގެން ނުދެވެންވީ ކީއްވެ؟ ފަތުރުވެރިންނަށް ޓެސްޓު ހަދައިން އާދެވެންޏާ؟ ކޮބާ ތީގަ ހަމަޖެހޭ ތަންކޮޅެއް؟ ހުރިހާވެސް އެއްޗަކީ ފައިސާ. ފައިސާ ހޯދަން ފަތުރުވެރިން ގެންނަނީ. ވިޔަފާރިވެރިންނާ ގެސްޓުހައުސް ހިންގާ މީހުންނަށް ފައިދާ ވަނިކޮށް އެނިމުނީ. ސަރުކާރު އޮންނަނީ އެމީހުން ދަށުވެފަ. އާންމުން ތިބެން ޖެހެނީ ތިބޭ ގޮތަށް." ސަރުކާރުގެ މި ނިންމުމާއިއެކު ރުޅިގަދަވެފަ ހުރި އާންމު މީހަކު ސަން އަށް ބުންޏެވެ.
އަނެއްބައި އާންމުން ދަނީ މާލެ ސަރަހައްދުގައި ޑިސެމްބަރު 14 ގައި ގެސްޓުހައުސް ހުޅުވާލަން ހުއްދަ ދިންކަން އިއުލާންކުރެއްވި ޓޫރިޒަމް މިނިސްޓަރު މައުސޫމްގެ އަރިހުން ދިވެހި އާންމުންގެ ފަރާތުންވެސް ވަކާލާތުކޮށްދިނުމަށް އެދި ގޮވާލަމުންނެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މާލޭގެ ގެސްޓުހައުސްތައް ހުޅުވާނީ ޖެހިޖެހިގެން ދެ ހަފްތާވަންދެން ކޮވިޑުގެ ކޭސްތައް މަދުވުމުންކަމަށް މީގެ ކުރިން ބުނެފަ އެވެ. ރާއްޖޭގެ ބަލީގެ އެޕިކްސެންޓަރުކަމުގައިވާ މާލެ ފަތުރުވެރިންނަށް ހުޅުވާލާނީ މާލޭގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވީމަކަމަށް ބެލުމަކީ މުޅިން ކުށެއް ނޫނެވެ. އާނއެކެވެ! ކޭސްތައް މަދުވެއްޖެ އެވެ. އެހެންނަމަވެސް އެޗްޕީއޭއިން އަދި އޮތީ ދިވެހިންނަށް މާލެއިން ބޭރަށް ދާން ހުއްދަދޭ ވިސްނުމެއްގައެއް ނޫނެވެ.
އެޗްޕީއޭގެ އިސް އޮފިޝަލަކު މިކަމާއި ގުޅޭ ގޮތުން ވިދާޅުވީ ފަތުރުވެރިންނާއި ދިވެހީންނާ ތަފާތުތަކެއް އުޅޭކަމަށެވެ. އަދި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ދިނުމަކީ ސީދާ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި މުޅިން ނިންމަވާފައި އޮތް ކަމެއް ނޫން ކަމަށާއި އެކަމަށް މަސައްކަތް ކުރެވެމުންދާތީވެ މިނިސްޓަރު މައުސޫމު އެގޮތަށް އިއުލަންކުރެއްވީކަމަށް ވެސް އެ އޮފިޝަލު ލަފާކުރެއްވި އެވެ.
"އަސްލު ދިވެހިންނާއި ފަތުރުވެރިންނާއި ތަފާތުވޭ އެބަ. ފަތުރުވެރިންނަމަ ދަތުރުކޮށްފަވެސް އެމީހުން ގިނައިން އުޅޭނީ އެމީހުންގެ ކޮމިއުނިޓީ ތެރޭގައި. އެކަމަކު ދިވެހިންނަމަ މުޅި ރަށް ތެރޭ އުޅެވޭނެ. ދެން ކޮންޓެކްޓްއެއް ވެއްޖެނަމަ ކްލަސްޓާ ވަރަށް ބޮޑުވާނެ ހަގީގަތުގައި. އެހެންވެ އަސްލު އަދި އެކަހަލަ އެރޭންޖްމެންޓެއް ނުހަދަނީ." އެޗްޕީއޭގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ފަތުރުވެރިންނާއި ނުލައި އިގްތިސާދެއް ނެތް!
އެންމެންނަށްވެސް އެނގޭ އަދި ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމެއްކަމެވެ. މާނައަކީ ފަތުރުވެރިކަމާއި ނުލައި އިގްތިސާދެއް ނުހިނގާނެ ކަމެވެ.
ކޮވިޑުގެ ހާލަތުގައި ރާއްޖެ ބަންދުކޮށްފައި އޮތް އިރު އިގްތިސާދަށް އައި ހީނަރުކަމަކީ ފަހުގެ ތާރީހެއްގައި ނުފެންނަ ވަރުގެ ހީނަރު ކަމެކެވެ. އެ އަނދަވަޅުން އަރައިގަންނަންވެސް އެތައް އަހަރެއް ހޭދަވާނެކަން ގަބޫލުކުރަން ޖެހޭ އެވެ.
ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ: ގެސްޓް ހައުސް ވިޔަފާރީގައި ތޮއްޑޫއަކީ މަޝްހޫރު ރަށެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ވުމާއިއެކު ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއިއެކު ފަތުރުވެރިން އައުމަށް ހުއްދަ ދިނުމަކީ އެއްވެސް ދިވެއްސެއް ދެކޮޅު ހަދާނޭކަމެއްކަން ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު ހަމަ ފަތުރުވެރިންނެކޭ އެއްފަދައިން އެޗްޕީއޭއިން ދިވެހިންނަށްވެސް ޓެސްޓުކޮށްގެން ދަތުރުކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައި އެފަދަ ރިސްކެއް ނަގަންވެއްޖެކަމަށް ގަބޫލުކުރާ ދިވެހިންވެސް މަދެއް ނޫނެވެ.
"ޓެސްޓުކޮށްގެން ދަތުރުކުރިޔަސް މިހާރުވެސް ކޮންމެ ރަށެއްގައި މާސްކު އަޅާ. ގެސްޓުހައުސް ހިންގަންޏާ ކަރަންޓީނުކުރެވެން އޮވޭ. ފެސިލިޓީވެސް އެބަ ހުރި، އެވަރަށް ކެޕޭސިޓީ ނެތަސް. އަބަދަކު މިހެން ރަށު ބަންދެއްގަ ތިބެވޭތެ؟" އާންމު މީހަކު ކިޔައިދިނެވެ.
ކޮންމެ ރަށެއް ދެވަނަ ހޯޑެއްދޫއަށް ވިޔަ ދެވޭކަށް ނެތް!
ފަތުރުވެރިންނަށް ޓެސްޓުކޮށްގެން ދަތުރުކުރެވެން އޮތުމާއި ދިވެހިންނަށް ޓެސްޓުކޮށްގެން ދަތުރުނުކުރެވުމާއި ދޭތެރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގްވެސް ވިދާޅުވީ ދިވެހިންނާއި ފަތުރުވެރިންނާއި އުޅޭ އުޅުމުގައި ތަފާތުތަކެއް އެބަހުރިކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި އަމަލުކުރާނޭ ގޮތަށް ވަކި އުސޫލެއް އަދި ނިންމާފައިނުވާކަމަށެވެ.
"ފަތުރުވެރިންވެސް ޓެސްޓުކޮށްގެން އަޔަސް ހަމަ ބަލި ހުރުމުގެ ނުވަތަ ޖެހުމުގެ ފުރުސަތު އޮވޭ. ހަމަ އެނގިލައްވާނެ ފަތުރުވެރިން ފުރާއިރު ބައެއް ފަހަރު ޕޮޒިޓިވްވޭ ބައްޔަށް. އެކަމަކު ދިވެހިންނާއި ފަތުރުވެރިންނާއި ތަފާތު އުޅޭ ގޮތް. ދިވެހިން މާލޭގައި އުޅެންޖެހެނީ ބޮޑެތި އާއިލާތައް އެއްގެޔެއްގައި ތޮއްޖެހިގެން، ދެން ރަށަށް ދިޔަސް ކަރަންޓީނު ނުވަންޏާ އުޅޭނީ ހަމަ އާއިލާއާއި އެއްގެޔެއްގައި، ދެން އެހެން ފަރާތްތަކަށްވެސް ޒިޔާރަތްކުރާނެ. އެތަނުން ހައި ރިސްކު މީހުންނަށް ބަލި ޖެހުނަ ނުދޭންވެގެން އަސްލު އެގޮތަށް އުސޫލު މި ބައިންދަނީ. އައުޓްބްރޭކްއެއް ހުއްޓުވަން." ޑރ. ނަޒްލާ ވިދަޅުވި އެވެ.
މި ވާހަކަތަކުން ދޭހަކޮށްދޭ ކަމަކީ 72 ގަޑިއިރުގެ ވިޔަސް 96 ގަޑިއިރުގެވެސް ޓެސްޓަކުން ކޮވިޑަށް ޕޮޒިޓިވްކަން އެންމެ ރަނގަޅަށް ދެނެގަނެވެން ނެތްކަމެވެ. އެކަމަކު ފަތުރުވެރިންނަށް އެެފަދަ ފުރުސަތެއް ނުރައްކާ އޮތް ކަމަށް ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އަތޮޅު ތެރެއަށް ބަލި ނުފެތުރި މި އޮތް ގޮތަށް މިއޮތީވެސް ކަރަންޓީނުގެ ސަބަބުންނެވެ. އަދި ފުރަބަންދު ކަރަންޓީނުންވެސް 200 އެއްހާ މީހުން ޕޮޒިޓިވްވެފައިވާއިރު ކަރަންޓިނު ނުކުރާނަމަ އެ ފަރާތްތަކުގެ ކިބައިން އެތައް ބަޔަކަށް ބަލި ފެތުރި ބައެއް މީހުން ދުނިޔެ ދޫކުރާ ހިސާބަށްވެސް ގޮސްދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އެ 200 މީހުންނަކީވެސް 200 އައުޓްބްރޭކް، ކަރަންޓީނު ނުކުރި ނަމަ. ބަލި ފެތުރުން އެންމެ ރަނގަޅަށް ކޮންޓްރޯލު ކުރި ގައުމުތަކުގައިވެސް އެހެން އޮތް އެންމެ ބޮޑު އެއް ސަބަބަކީ ކަރަންޓީން. އަޅުގަނޑުމެންގެ އަމާޒަކީ އެއްވެސް ހާލެއްގައި ދަތިކުރުމެއް ނޫން." ޑރ. ނަޒްލާ ވިދާޅުވި އެވެ.
ދެވަނަ ހޯޑެއްދޫއަކަށް ކޮންމެ ރަށެއް ވެގެން ހިނގައްޖެނަމަ ސިއްހީ ނިޒާމަށް ނުކަތާވަރަށް އަތޮޅުތެރޭގައި ބަލިފެތުރޭނެކަމަށް އަދި އެކަން ވިޔަ ދީގެން ނުވާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ކުރިން އެނގުނު ހޯޑެއްދޫގެ އައުޓްބްރޭކްގައިވެސް. އެކަމަކު އެހާ އަވަހަށް ފިޔަވަޅު ނެގިއިރުވެސް އޮތީ އެތައް ބަޔަކަށް ބަލި ޖެހިފައި. އެހެން ކޮންމެ ރަށެއްގައި ވިޔަ ދީގެން ނުވާނެ. އެހެން ވެއްޖެނަމަ ސިއްހީ ނިޒާމަށް ނުކަތާނެ." ޑރ. ނަޒްލާ ވިދާޅުވި އެވެ.
ފަތުރުވެރިކަމަކީ އިގްތިސާދަށް ކިހާ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ދިވެހިންނަށް ޓެސްޓުކޮށްގެން އެހެން ރަށްރަށަށް ދާން ހުއްދަ ނުދެނީ އަތޮޅުތެރެއަށް ބަލި ފެތުރި އަނެއްކާވެސް ސިއްހީ ނިޒާމަށް ނުކަތާ މިންވަރަށް ކަންކަން ބޮއްސުންލައިގެން ދިޔުން ހުއްޓުވަމަށް ކަމަށެވެ.

އޭޕްރީލް 2، 2020: މުޅި ދުނިޔޭގައި ހަލުއި ކަމާއިއެކު ފެތުރެމުންދާ އަދި ރާއްޖެއިންވެސް ފެނިފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އިތުރަށް ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށް އިއުލާން ކުރި ކާފިއުއާ އެކު، މާލޭގެ މަގުތަކުން މީހުން ހުސްވެ، ހިމޭންކަން ވެރިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހްނަމަވެސް އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން މާލޭގެ ބޮޑު ބިޔަ އާބާދީގެ ބޮޑު ބައި މިއޮތީ ރަށުބަންދެއްގަ އެވެ. ރަށު ބަންދުގައި ތިބޭތާ އަށް މަސް ވޭތުވެފައިވާއިރު މިއީ ދިވެހިންނަށްވެސް އެތައް ނަފްސާނީ އުނދަގޫތަކަކާއި ކުރިމަތިކުރުވާނޭ ކަމެކެވެ.
މި ހުރިހާ މައްސަލައެއްގެ ހައްލެއްގެ ގޮތުގައި ރައްކާތެރިކަމުގެ އެންމެ ފުރިހަމަ ފިޔަވަޅު، މާސްކު އަޅައި، ގައިދުރުކަން ބަހައްޓައިގެން، ގިނަ މީހުން އެއްތަނަކަށް އެއްނުވެ އުޅުން ނުވަތަ ގެއެއްގައި ވަކި އަދަދެއްގެ މީހުން އުޅޭފަދަ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ދިވެހިންނަށްވެސް ދަތުރުކުރުމުގެ ފުރުސަތު ދެވިދާނެ ނޫން ހެއްޔެވެ؟ އެކަމަކު އެވަރަށް ދިވެހިން ޒިންމާދާރުވެއްޖެތޯ އެވެސް ސުވާލެކެވެ.
މި ހުރިހާ ކަމެއް ކުރިނަމަވެސް ހަގީގަތަކީ އެންމެ މީހަކު މި ފިޔަވަޅުތަކަށް ކަމޭނުހިތުމުގެ ސަބަބުންވެސް ބަލި ފެތުރިދާނެކަމެވެ. އެހާލަތުގައި އެތައް ބައެއްގެ ފުރާނައަށް ގެއްލިގެން ދާން ދޫކޮށްލުމަށް ވުރެ ވެކްސިންއެއްގެ އިންތިޒާރުގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށް ފުރަބަންދުގައި ބޭއްވުންނޫން އިތުރު ގޮތެއް އޮތްތަނެއް ފެންނާކަށްނެތެވެ.