24 Jan 2012, 16:32
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ނުކުންނަ އިރު ކުލަބް ވެލެންސިޔާގެ ސީނިޔާ ޓީމުގެ ފަރިތަކުރުންތައް އަންނަ ހަފްތާ ފެށުމަށް ހަމަޖެހިއްޖެ އެވެ.
ސަން އޮންލައިނަށް ދިން އިންޓަވިއުގައި ވެލެންސިޔާގެ ސީޔޯ އާބާދު ސަލީމް ބުނީ، އަންނަ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ވެލެންސިޔާގެ ޖޫނިޔާ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާ އިރު ސީނިޔާ ޓީމްގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ތެރޭގައި ކަމަށެވެ. އަދި ސީނިޔާ ޓީމުގެ ފަރިތަކުރުންތައް އަންނަ ހަފްތާގައި ފަށާނެ ފައިނަލް ދުވަހެއް ކުރިއަށް މިއޮތް ދެ ދުވަސް ތެރޭގައި މުޅިން ފައިނަލް ވާނެ ކަމަށް ވެސް އޭނަ ބުންޏެވެ.
"ޔޫތު ޓީމުގެ ފަރިތަކުރުންތައް ފެށިގެން ކުރިއަށް ދިޔަ ނަމަވެސް، ސީނިޔާ ޓީމުގެ ފަރިތަކުރުންތައް ފަށާނީ އަންނަ އަފްތާގައި. ސީނިޔާ ޓީމްގައި މިވަގުތު 24 ކުޅުންތެރިންގެ ސްކޮޑެއް އެބޮތް." ސަލީމް ބުންޏެވެ.
ސަލީމް ބުނީ، ސީޒަނަށް ނުކުންނަ އިރު ވެލެންސިޔާ އިން ބިދޭސީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިން ހޯދުމުގައި ބޮޑަށް ބަލާފައި ވަނީ ފޯވާޑަކާއި މިޑްފީލްޑަރެއްގެ އިތުރުން ޑިފެންޑަރެއް ހޯދުން ކަމަށް އޭނާ ބުންޏެވެ.
މިއަހަރުގެ ފުޓްބޯޅަ މޫސުން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް އެފްއޭއެމް އިން ނިންމާފައިވާ އިރު، މިސީޒަންގައި ވެލެންސިޔާގެ އަމާޒަކަށް ވެފައި ވަނީ ގަދަ ހަތަރަކުން ޖާގައެއް ހޯދުން ކަމަށާއި އެކަން ހާސިލް ކުރުމަށް ވެލެންސިޔާ އިން ނުހަނު މަސައްކަތް ކުރާނެ ކަމަށް ސަލީމް ބުންޏެވެ.
"ނިމިގެން ދިޔަ ސީޒަންގައި ހަ ވަނަ އަށް ވެއްޓުނު އިރު، މިސީޒަންގައި މަސައްކަތް ކުރާނީ ގަދަ ހަތަރަކުން ޖާގައެއް ހޯދަން. ވެލެންސިޔާގައި ގިނައީ މިދިޔަ ސީޒަންގައި ކުލަބަށް ކުޅުނު ކުޅުންތެރިން." ސަލީމް ބުންޏެވެ.
ސަލީމް ބުނީ، ކުރިއަށް އޮތް ދައުރަށް ވެލެންސިޔާގެ ހިންގާ ބޯޑު އެކުލަވާލުމަށް ބާއްވާ ޖަލްސާ އަދި ނުފެށި އޮތް ކަމުގައި ވިޔަސް، އެޖަލްސާ ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް ޖަލްސާ ބާއްވާނެ ތާރީހެއް އަދި މުޅިން ފައިނަލް ވެފައި ނުވާ ކަމަށް ވެސް ސަލީމް ބުންޏެވެ.
ވެލެންސިޔާގެ ފަރިތަކުރުންތައް އަންނަ ހަފްތާގައި ފަށާނެ ކަމަށް އިއުލާން ކޮށްވައިވާ އިރު، ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން މިހާރު ފަރިތަކުރުންތައް ފަށާފައި ވަނީ ވީބީ އާއި ވިކްޓަރީ އަދި އީގަލްސް އެވެ. އަދި ނިއުރޭޑިއަންޓުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު ފަށުމަށް ހަމަޖެހިފައި ވަނީ މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ދެ ކުލަބްކަމަށްވާ ވީބީ އާއި ވިކްޓަރީގެ މެޗުންނެވެ.