08 Dec 2020, 11:05
އިންޑޮނޭޝިއާގެ ހަރުކަށި އިސްލާމީ ލީޑަރެއް ކަމަށްވާ މުހައްމަދު ރައްޒާގް ޝިހާބްގެ ސަޕޯޓަރުންތަކެއް ކަމަށް ބެލެވޭ ބަޔަކު އިންޑޮނޭޝިއާގެ ޕޮލިހުން މަރާލައިފި ކަމަށް އެ ގައުމުގެ ވެރިރަށް ޖަކާޓާގެ ޕޮލިސް ޗީފް ފާދިލް އިމްރާން ބުނެފި އެވެ.
ރިޕޯޓަރުންނާއި ވާހަކަ ދައްކަމުން ފާދިލް ބުނީ އެ ހާދިސާ ހިނގާފައި ވަނީ ހޯމަ ދުވަހުގެ ފަތިހު ޖަކާޓާގެ އިރުމަތީ އޮންނަ ހައިވޭ އެއްގައި ކަމަށެވެ. އަދި އެ ހާދިސާ ހިނގަން ދިމާވީ އެ އިލްމުވެރިޔާއަށް ތާއީދު ކުރާ ބަޔަކު ދަތުރުކުރަމުން ދިޔަ ކާރަކަށް ފާރަލައިން ދިޔަ ޕޮލިސް ކާރަށް އެ މީހުން ހަމަލާ ދިނުމުންކަމަށް ވެސް ފާދިލް ވަނީ ބުނެފަ އެވެ.
ޖަކާޓާގެ ނޫހެއް ކަމަށްވާ ކޮމްޕަސްއިން އެ ހަމަލާއަށް ޕޮލިހުން ރައްދު ދީފައި ވަނީ ފުލުހުންގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ބެލެވޭތީކަމަށާއި އެ ގްރޫޕުން ތޫނު ހަތިޔާރާއި ބަޑި ފަދަ ހަތިޔާރު ގެންގުޅުނު ކަމަށް ފާދިލްއާ ހަވާލާދީ ވަނީ ބުނެފަ އެވެ.
ޕޮލިހުން އެ އިލްމުވެރިޔާ ތަހުގީގު ކުރަން ފަށާފައި ވަނީ ނޮވެމްބަރު މަހު ސައުދީ އަރަބިއްޔާ އިން އައުން ފާހަގަ ކުރުމުގެ ގޮތުން، އެ ގައުމުގެ ސިއްހަތާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް މި ބަލިމަޑުކަމުގެ ތެރޭގައި ބޮޑެތި އެއްވުންތައް ބާއްވާފައި ވާތީ އެވެ. އޭނާ 2017 ވަނަ އަހަރު އިންޑޮނޭޝިއާ ދޫކޮށް ސައުދީއަށް ގޮސްފައި ވަނީ ފިލައިންނެވެ.
ހައްދުފަހަނަ އަޅާފައިވާ ގްރޫޕެއް ކަމަށްވާ އިސްލާމިކް ޑިފެންޑަރސް ފްރަންޓްގެ އިސް ލީޑަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރައްޒާގް ސައުދީއަށް ފިލައިން ގޮސްފައި ވަނީ އިންޑޮނޭޝިއާގެ ޕޯނޮގްރަފީއާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ތުހުމަތު އުފުލާފައި ވަނިކޮށެވެ. އެ ތުހުމަތުގައި ހިލޭ އަންހެނަކާ އެކު ޖިންސީ ފޮޓޯ ތަކާއި މެސެޖުތައް އޭނާ ބަދަލުކޮށްފައި ވާކަމަށް ވަނީ ބުނެފަ އެވެ.
ރައްޒާގް ވަނީ މީގެ ކުރިން އިންޑޮނޭޝިއާގެ މައިނޯރިޓީ ދަރިފަސްކޮޅާ ދެކޮޅަށް ކެމްޕެއިންތައް ކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ޖަކާޓާގެ ގަވަނަރ ބަސޫކީ ޖަހަޖާ ޕޫރްނަމާއާ ދެކޮޅަށް ދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުކޮށް، އެކަމާ ދެކޮޅަށް ތެދުވުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ހަދާފައިވާ ގާނޫނުތަކާ ހިލާފްވި މައްސަލާގައި ރައްޒާގް އާއި އޭނާގެ އާއިލާ ބައެއް ފަރާތްތަކާ ހޯމަ ދުވަހު ސުވާލު ކުރުމަށް އޮތީ ހަމަޖެހިފައެވެ. އިންޑޮނޭޝިއާގައި ބައި މިލިއަނަށް ވުރެ ގިނަ ކޮވިޑް ކޭސްތައް ރިޕޯޓްކޮށްފައި ވާއިރު، ގާތްގަޑަކަށް 18،000 މަރު އެ ގައުމުން ވަނީ ރިޕޯޓުކޮށްފަ އެވެ. އާދިއްތަ ދުވަހު އެކަނިވެސް އެ ގައުމުގައި ވަނީ 6،000 ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ.