08 Dec 2020, 11:14
ޑަބްލިއު ސްޕޯޓްސް އެކެޑެމީ އާއި ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް ގުޅިގެން ކުރިއަށް ގެންދާ ޑަބްލިއުއެސްއޭ ހޭންޑްބޯލް ބެޓްލްގެ ފައިނަލަށް ނޮޅިވަރަމާއި ނިއުއޭޖްއެސްސީ އަދި ފެމިލީ ބޭކަރސްގެ ދެ ޓީމު ގޮއްސިއެވެ.
މުޅިއަކު 16 ޓީމާ އެކު އަންހެން ޑިވިޝަނާއި ފިރެހެން ޑިވިޝަނަށް ބަހާލައިން ކުރިއަށް ގެންދާ އެ މުބާރާތުގެ ފައިނަލުން މި ހަތަރު ޓީމު ޖާގަ ހޯދާފައި ވަނީ ރޭ ކުޅުނު މުބާރާތުގެ ސެމީފައިނަލް މެޗުތައް ކާމިޔާބު ކޮށްގެނެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ ސެމީފައިނަލް މެޗުގައި ފެމިލީ ބޭކަރސް ވަނީ 12-4ގެ ނަތީޖާއަކުން ފައިވްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެމިލީ ބޭކަރސްގެ އައިމިނަތު ހިބާ ފައިސަލް އެވެ. އަދި ދެވަނަ މެޗުގައި ނޮޅިވަރަމް 10-7ގެ ނަތީޖާއަކުން ރަނިކަގެ މައްޗަށް ކުރި ހޯދާފައި ވާއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަމްގެ މައުސޫމާ އަބްދުއް ރަހީމް އެވެ.
އެ މުބާރާތުގެ ފިރެހެން ޑިވިޝަންގެ ފުރަތަމަ ސެމީގައި ނިއުއޭޖް ވަނީ 14-8ގެ ނަތީޖާއަކުން ޒިގްޒެގްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މެޗުގެ މޮޅު ކުންތެރިއަކަށް ހޮވުނީ ނިއުއޭޖްގެ އަހުމަދު ދާވޫދު އެވެ. އަދި ފެމިލީ ބޭކަރސް އާއި ޓީމް އަލްފާ ބައްދަލުކުރި މެޗު 14-9 ގެ ނަތީޖާއަކުން ފެމިލީ ބޭކަރސް ކާމިޔާބުކުރިއިރު، އެ މެޗުގެ މޮޅުޗ ކުޅުންތެރިއަކަށް ހޮވުނީ ބޭކަރސްގެ އަހުމަދު ސައިފް ނައީމް އެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ޑަބްލިއުއެސްއޭ ހޭންޑްބޯލް ބެޓްލްގެ ފައިނަލުން މި ހަތަރު ޓީމުވެސް ޖާގަ ހޯދާފައި ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެ މުބާރާތުގެ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މި ރޭ އެވެ.