ސްޓާ ޕްލަސް އިން ގެނެސްދޭ މަގްބޫލު ހިންދީ ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ” އިން އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދި ބަތަލާ ދިވްޔާ ބަޓްނާގަރް 34، މަރުވެއްޖެ އެވެ.

ބަތަލާ މަރުވީ ކޮވިޑަށް ފަރުވާ ކުރަމުންދަނިކޮށް ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. ދިވްޔާ އަށް ކޮވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ މަހު އެވެ. ސިއްހީ ހާލަތު ގޯސްވެގެން ވޭތުވެދިޔަ ދުވަސްކޮޅު ވެންޓިލޭޓަރުގައި އޮތުމަށްފަހު އޭނާ މަރުވީ އިއްޔެގެ ވަގުތެއްގަ އެވެ.

ދިވްޔާ މަރުވުމާ ގުޅިގެން އޭނާގެ ފޭނުން ހިތާމަފާޅުކުރަމުންދާއިރު ޓީވީ ތަރިން ވަނީ ދިވްޔާގެ އާލިއާ އަށް ތައުޒިޔާ ކިޔާ މެސެޖު ފޮނުވާފަ އެވެ. އޭނާގެ އެކުވެެރިޔާ ދެވޮލީނާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ދިވްޔާ އަކީ އޭނާގެ ގާތުގައި އަބަދުވެސްވީ މީހެއް ކަމަށާއި އޭނާ އަކީ އެކުވެެރިންނަށް ހުރި ލާމަސީލެއް ކަމަށެވެ. އަދި އޭނާ މަތިން އަބަދުގެ އަބަދަށް ހަނދާންކުރާނެ ކަމަށާއި އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށެވެ.