ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ކްރިތީ ސެނަން ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދާދިފަހުން ރާޖްކުމާރު ރާއޯ އާއެކު ފެނިގެންދާ ފިލްމު "ހަމް ދޯ ހަމާރޭ ދޯ" ގެ ޝޫޓިންގެ އެއް ބައި ނެގުމަށްފަހު އެނބުރި މުމްބާއީ އަށް އައި ކްރިތީ އަށް ކޮވިޑްޖެހުނުކަން އޭނާގެ ގާތް ފަރާތަކު ވަނީ ކަށަވަރުކޮށްދީފައެވެ.

ޗަންދީގަރުގައި ޝޫޓްކުރަންޖެހޭ ހުރިހާ މަންޒަރެއް ޝޫޓްކުރުމަށްފަހު ކްރިތީ މުމްބާއީއަށް އައީ މި މަހުގައެވެ.

ކްރިތީއަށް ކޮވިޑްޖެހުނުކަމަށް ރިޕޯޓްތައް ބުނިއިރު އެކްޓަރު ވަރުން ދަވަން އާއި ބަތަލާ ނީތޫ ސިންހް ވެސް ފިލްމެއްގެ ޝޫޓިންތެރޭ އުޅެނިކޮށް ވަނީ ކޮވިޑްޖެހިފައެވެ.

ކްރިތީ އާ ރާޖްކުމާރުގެ އެ ފިލްމަކީ މައިންބަފައިންގެ އުމުރުން ދުވަސްވުމުން އެމީހުންގެ ހަޔާތަށް އަންނަ ހުސްކަން ފިލުވާލައިދިނުމަށް މަސައްކަތްކުރަމުން އަންނަ ދެ ޒުވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ދެހާސް ސާދަ ވަނަ އަހަރު ޓައިގާ ޝްރޮފް އާއެކު “ހީރޯޕަންތީ” އިން ބޮލީވުޑަށް ތައާރަފްވި ކްރިތީ އަކީ މިވަގުތު ބޮލީވުޑްގައި އެންމެ ކުރިއަރާފައިވާ ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.