08 Dec 2020, 09:46
ބޮލީވުޑްގައި މިވަގުތު އެންމެ ޑިމާންޑް ބޮޑު އަންހެން ބަތަލާ އާލިއާ ބަޓް،27، ލީޑު ރޯލުން ފެނިގެންދާ ފިލްމު "އާރްއާރްއާރް"ގެ ޝޫޓިން ފަށައިފި އެވެ.
އަންނަ އަހަރު ސިނަމާތަކަށް ގެނެސްދިނުމަށް ތާވަލްކޮށްފައިވާ ފިލްމު "އާރްއާރްއާރް"ގައި އާލިއާ ފެނިގެންދާނީ ވަރަށް މައުސޫމް ރޯލަކުންނެވެ. ސީތާ ކިޔާ ކެރެކްޓާއަކުން އޭނާ މި ފިލްމުން ފެނިގެންދާއިރު އެ ކެރެކްޓާއަކީ ފިލްމަށް ވަރަށް މުހިންމު ކެރެކްޓާއެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުންޏެވެ.
ހައިދްރުބާދުގައި އާލިއާ މި ވަގުތު ހުރިއިރު އޭނާ ފެނިގެންދާ ރޯލުގެ ޝޫޓިން ތިން ހަފްތާތެރޭ ނިމޭނެ އެވެ. މި ފިލްމުގެ ޝޫޓިންއާ އާލިއާ ގުޅެން އޮތީ މިދިޔަ މަހުއެވެ. ނަމަވެސް އާލިއާ ބިޒީ ޝެޑިއުލްގެ ސަބަބުން ފިލްމުގެ ޝޫޓިން ލަސްވީ އެވެ.
އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ދެ ކެރެކްޓާއަކަށް ބިނާކޮށް ތައްޔާރުކުރާ އެ ފިލްމުގެ ފިރިހެން ދެ ބަތަލަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. މި ފިލްމުގެ ހާއްސަ ފެނިލުމަކުން ކާމިޔާބު ތަރި އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ 3.5 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.