08 Dec 2020, 08:52
ވެރިކަން ކޮށްފައި ވަޑައިގަންނަވާ ފަރާތްތަކާ މެދު އަނިޔާވެރިކޮށް އަމަލުކޮށް، އެބޭފުޅުން ޖަލަށްލުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރިއަށް ދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ކުށެއް ކޮށްފައިވާނަމަ އެކަމަކަށް އަދަބު ދޭން ޖެހޭނެ ކަމަށާއި، އެކަމާ އެމަނިކުފާނު ދެކޮޅުނުހައްދަވާ ކަމަށެވެ.
"އެހެން ނަމަވެސް ވަރަށް އުނދަގޫ ރާއްޖޭގެ ވެރިންނާ ދޭތެރޭގައި ވެރިކަން ކޮށްފައި ތިބި މީހުންނާ ގުޅޭގޮތުން ހަރުކަށި ގޮތެއްގައި އަމަލުކުރީމާ. ދިވެހިންގެ ގިނަ މީހުން އެކަން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަކަށް އަޅުގަނޑުގެ ހިތެއް ނުބުނޭ. އަޅުގަނޑު ކިތަންމެ ބޮޑަކަށް ނުރުހުނެއް ކަމަކު މީހަކާ،" އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލިސް ރައީސް ވިދާޅުވީ ވެރިކަން ކޮށްފައި ތިބޭ މީހުންނާމެދު އަމަލުކުރަންވީ ގޮތް ގާނޫނުއަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކާ މެދު އެންމެން ހިތްހަމަނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ އިރު، އެ މައްސަލައިގައި މިހާރު ދެރަވާ ކަމަށް މަޖިލިސް ރައީސް ވަނީ ރޭ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް މައުމޫން އަބްދުލްގައްޔޫމް އަކީ 30 އަހަރު ވަންދެން ރައްޔިތުން ފިތްކަނޑައިގެން ދާވަރުގެ އަނިޔާވެރި، ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ވެރިއެއް ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެ، ރައީސް ނަޝީދަށް ވެރިކަން ލިބުމުން ރައީސް މައުމޫން ޖަލަށް ލާން ނޫޅުއްވާ ކަމަށެވެ.
"އަޅުގަނޑު އެހެން ނަމަވެސް ބެލީ ތާރީހުގެ ފަތްފުށަށް ގެންދެވި އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދުން. ދެން އަޅުގަނޑަށް ދުވަސްކޮޅަކު އެކަން ކުރެވުނު،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ބަދަލުވެ، ޑރ. ވަހީދު ހުސައިން މަނިކުގެ ވެރިކަން ކުރައްވަން ފެއްޓެވުމުން، އެމަނިކުފާނު ޖަލަށް ލީ ކަމަށެވެ. އަދި ރައީސް ޔާމީން ވެސް ވެރިކަމަށް ވަޑައިގެން އުޅުއްވީ އެމަނިކުފާނު ޖަލަށް ލާން ކަމަށެވެ.
"ދެން އަޅުގަނޑުގެ ވާހަކައަކީ މި ގޮތަށް މިކަން ހިނގާހާ ދުވަހަކު ހުއްޓުމެއް ގެނެވޭކަށެއް ނެތޭ. އަޅުގަނޑު އެދެނީ ހުއްޓުމެއް އަންނަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ވީހާވެސް އަވަހަކަށް ލުއި ލިބި، އެމަނިކުފާނު މިނިވަންވުމަށް ދުއާކުރައްވާ ކަމަށް ވެސް މިފަހުން މަޖިލިސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތާ މިހާރު އަހަރެއް ވަނީ ވެފަ އެވެ.