08 Dec 2020, 09:06
ކޮވިޑަށް ވެކްސިން އުފެއްދި ޗައިނާގެ ކުންފުނި ސިނަވޮކްއިން ކޮވިޑް ވެކްސިން އުފެެއްދުން އިތުރުކުރަން ނިންމައިފި އެވެ.
އެގޮތުން ވެކްސިން އުފެއްދުން ދެ ގުނަކުރަން މިހާރު ވަނީ 515 މިލިއަން ޑޮލަރުގެ ފަންޑެއް ހޯދައިފަ އެވެ.
ސިނަވޮކްއިން މިހާތަނަށް ކޮށްފައިވާ ތަހުލީލްތަކުން ވެކްްސިން ކާމިޔާބުކަމަށް ދައްކާފައިވާއިރު އެ ކުންފުނިން މިހާރުވެސް ދަނީ ވެކްސިން ސަޕްލައިކުރުމަށް ގިނަ ގައުމުތަކާ ވާހަކަ ދައްކަމުންނެވެ. އެގޮތުން ތުުރުކީ، ބްރެޒިލް އަދި އިންޑޮނީޝިއާއަށް ވެކްސިން ސަޕްލައިކޮށްދޭން މިހާރު ވަނީ އެއްބަސްވެފަ އެވެ.
ސިނޮވެކް ވެކްސިންގެ ތިންވަނަ މަރުހަލާގެ ޓްރަޔަލްތައް މިހާރުވެސް ބްރެޒިލްގައި ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި އެ ތަހުލީލްތަކުގެ ނަތީޖާ މިމަހުގެ 15 ވަނަ ދުވަހު ޝާއިއުކުރަން ވަނީ ނިންމައިފަ އެވެ.
ސިނޮވެކްއިން ބުނީ މިހާރުވެސް 300 މިލިއަން ޑޯޒް ވެކްސިން އުފެއްދޭނެ ކަމަށާއި އަދި އަންނަ އަހަރު ނިމޭހާތަނުގައި ވެކްސިން އުފައްދަން އިތުރު ފެސިލިޓީއެއް ހަދައި 600 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ.
ޗައިނާއިން މިހާރުވެސް ދަނީ އިމެޖެންސީ ޕްރޮގްރާމްގެ ދަށުން މިލިއަނެއްހާ އެގައުމުގެ ރައްޔިތުންނަށް ސިނޮވެކްގެ ވެކްސިން ދެމުންނެވެ. --އަލްޖަޒީރާ--