08 Dec 2020, 08:59
ތެހެރާން (ޑިސެމްބަރު 7): ކޮވިޑް-19 ވެކްސިން ގަތުމަށް އީރާނުން ކުރާ މަސައްކަތަށް އެމެރިކާއިން ހުރަސް އަޅާ ކަމަށް އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަބްދުލްނަސީރު ހިމަތީ ވިދާޅުވެއްޖެ އެވެ.
ހިމަތީ ވިދާޅުވި ގޮތުގައި އީރާނުން ކޮވިޑް-19 ވެކްސިން ގަންނަން މަސައްކަތް ކުރަނީ، ހުރިހާ ގައުމަކަށް ހަމަހަމަކޮށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިސްވެ އޮވެގެން ހިންގާ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށެވެ. ނަމަވެސް އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފައިސާ ފޮނުވާނެ ގޮތްތަކަށް ވަނީ ހުރަސް އެޅިފަ އެވެ.
"އެމެރިކާ ސަރުކާރުގެ ލާ އިންސާނީ ފިޔަވަޅުތަކުގެ ސަބަބުންނާއި [ފައިސާ ފޮނުވަން] އެގައުމުގެ އޮފިސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލްގެ ހުއްދަ ބޭނުންވާތީ [ވެކްސިން ގަންނަން] ފައިސާ ޓްރާންސްފާ ކުރަން އުޅުނު ހުރިހާ މަސައްކަތަކަށް ވަނީ ހުރަސް އެޅިފަ،" ހިމަތީ ވިދާޅުވި އެވެ.
ހިމަތީ ވިދާޅުވި ގޮތުގައި އީރާނުން ވެކްސިން ހޯދަން ފައިސާ ދައްކަން އުޅުނު އެއް ގޮތަކީ ދެކުނު ކޮރެއާގައި ހުރި އެގައުމުގެ ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރުގެ ރިޒާވް ފައިސާ ބޭނުން ކޮށްގެންނެވެ. ނަމަވެސް އެމެރިކާއިން އެކަމަށް ހުއްދަ ދޭން ދެކޮޅު ހެދި އެވެ. އަދި އެގައުމުން ދެކުނު ކޮރެއާއަށް ފިޔަވަޅު އަޅާފާނެތީ ކޮރެއާއިންވެސް އެ ފައިސާ ފޮނުވަން ފަސްޖެހެ އެވެ.
މީގެ އިތުރުން، "އެމެރިކާގެ ފިއްތުންތަކާއި އިންޒާރުތަކުގެ ސަބަބުން" އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން އީރާނަށް ލޯނެއް ދޭން ދެކޮޅު ހަދާކަން ވެސް ހިމަތީ ފާހަގަ ކުރެއްވި އެވެ.
އީރާނުގައި މިދިޔަ މާޗް މަހު ކޮރޯނާވައިރަހުގެ ފުރަތަމަ ރާޅު ފެތުރެމުން ދިޔަ އިރު އެގައުމުން އައިއެމްއެފްގެ ފަސް ބިލިއަން ޑޮލަރުގެ ލޯނަކަށް އެދުނެވެ. ނަމަވެސް އެމެރިކާއިން އެ ލޯނު ދިނުން ހުއްޓުވި އެވެ.
އޭގެ ފަހުން އީރާނުން ވަނީ ކޮވިޑް ބަލިމަޑުކަމާ ކުރިމަތިލާން އެގައުމުގެ ސޮވެރިން ވެލްތު ފަންޑުން 1.21 ބިލިއަން ޑޮލަރު ނަގަން ނިންމާފަ އެވެ.
ހިމަތީ ވިދާޅުވި ގޮތުގައި އީރާނުން މިހާރު ދަނީ ވެކްސިންއަށް ފައިސާ ދެއްކޭނެ އެހެން ގޮތްތައް ހޯދާ، ބޭރު ގައުމުތަކާ އެކު މަޝްވަރާތައް ބާއްވަމުންނެވެ. އަދި އެގައުމުގައި ކޮވިޑް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އީރާނުގައި މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހި، ބަލީގައި 50,594 މީހަކު ވަނީ މަރުވެފަ އެވެ.