07 Dec 2020, 19:15
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިން ވަނަ ދައުރު ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަދި ދައުރު ދިގުކުރަން ބޭނުން ވާނަމަ މަޖިލީހުގައި ވޯޓަށް އަހައިގެން ދައުރު ދިގުކުރެވޭނެއެވެ.
އެގޮތުން މުހިންމު މަސައްކަތްތަކެއް ނިންމުމަށްޓަކައި މަޖިލީހުގެ ތިން ވަނަ ދައުރު މިއަދާ ހަމައަށް ދަންމައިލިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މި ދައުރުގައި މެމްބަރުން ކުރެއްވި މަސައްކަތުގެ ކުރު ހުލާސާއެއް ދެއްވައިފަ އެވެ.
އެގޮތުން ތިން ވަނަ ދައުރުގައި މަޖިލީހުގެ ޖަލްސާތަކުގައި 89 ގަޑިއިރު، އަދި ކޮމެޓީތަކުގައި 330 ގަޑިއިރު މަސައްކަތް ކުރެވުނު ކަމަށް ވިދާޅުވި އެވެ.
އަދި މި ދައުރުގައި ޖުމްލަ 15 ބިލެއް ފާސްކޮށް، ރިޔާސަތުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން އަށް މައްސަލަަކައި ސަރުކާރުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއް ނިންމި އިރު، އެހެނިހެން މައްސަލަތަކާ ގުޅޭ 14 ކަމެއް ކޮމެޓީތަކުން ނިންމި އެވެ. އަދި ވަޒީރުންނާ 17 ސުވާލެއް ކުރެވުނު ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
ތިން ވަނަ ދައުރުގައި ނިންމި މުހިންމު ބިލުތަކުގެ ތެރޭގައި ތައުލީމިގެ ބިލާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއިމ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހު އަދި އިންތިގާލީ އިންސާފުގެ ބިލު ހިމެނެއެވެ.
މީގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެތު ވެސް ވަނީ ފާސްކޮށްފަ އެވެ.
އީވާ ވިދާޅުވީ ކޮމެޓީތަކުން ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެންމެ ފާހަގަކުރެވެނީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަމަށް ހައްސަ އިސްކަމެއް ދީގެން ކޮމެޓީތަކުން މަސައްކަތް ކުރެއްވިތަން ކަމަށެވެ.
މަޖިލިސް ޗުއްޓީއަށް ދިޔައީ، މި ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުން ކޮށްދިން ބުރަ މަސައްކަތް ފާހަގަކޮށް، ހުރިހާ މުވައްޒަފުންނަށް ހޫނު ތަރުހީބެއް ދިނުމަށްފަހު އެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ހުރިހާ މެމްބަރުންގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިދާރީ މުވައްޒަފުންނަށް ޝުކުރު ދަންނަވާލަން ބޭނުން. ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރައްވާ މުވައްޒަފުން، އަޅުގަނޑުމެންނަށް ދެއްވާ އެއްބާރުލުމާއި، އަދި އެއްވެސް ޝަކުވާއަކާ ނުލައި ދެއްވާ އެއްބަރުލުމާއި އެކުރައްވާ ބުރަ މަސައްކަތާ ހެދި އަޅުގަނޑުމެންނަށް މިތަނުގައި މަސައްކަތެއް މިހާ ފަސޭހަކަމާއެކު ކުރެވެނީ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.