"ހިޔާ މަޝްރޫއު" ގެ ހަތް ކެޓަގަރީއަކުން "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދިނުމަށް ފްލެޓް ކޮމިޓީއިން އެކުލަވާލާފައިވާ މިންގަނޑުއާންމުކޮށްފިއެވެ.

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމުގައި ގެންގުޅުނު މިންގަނޑު އާންމުކޮށްފައި ވަނީ:

1. H4(ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީ

2. H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީ

3. H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ) ކެޓަގަރީ

4. H7 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ

5. H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީ

6. H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ

7. H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ހާއްސަ) ކެޓަގަރީ

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ބަޔަށް، އިންސާފުވެރި އަދި ހަމަހަމަކަމާއެކު، ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ، ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެންކަމަށް ފްލެޓް ކޮމިޓީއިން ނިންމައި، ޕްލޭނިން މިނިސްޓްރީގެ ފަންނީ ލަފަޔާއެކު، އެ ބަޔަށް ޕޮއިންޓް ދިނުމުގެ މިންގަނޑެއް އެކުލަވާލި ކަމަށެވެ.

ނަމަވެސް އެ މިންގަނޑުގައި ހިމެނޭ މައުލޫމާތަކީ، އެ މައުލޫމާތު ކުރިން ހާމަކޮށްފިކަމުގައިވާނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތުތަކެއްކަމަށް ކޮމިޓީއަށް ފެންނާތީ، އެ މިންގަނޑު، އާންމުކުރުމަށް ނިންމާފައިވަނީ، އެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓު އިއުލާންކުރުމަށްފަހު ކަމަށެވެ.

އެގޮތުން ހަތް ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކުރުމާ ގުޅިގެން، މިހާރު އެ ކެޓަގަރީތަކުން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމުގައި ގެންގުޅުނު މިންގަނޑު ވަނީ އާންމުކޮށްފައެވެ.

އެ މިންގަނޑު އާންމުކޮށްފައި މިވަނީ، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތް ސާފުނުވާ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.