އިދިކޮޅު ސިޔާސީ ޕާޓީތަކުން ރޭ ކުރި މުޒާހަރާގައި ބައިވެރި މީހުނަށް އެމްޑީޕީގެ މެންބަރުންތަކެއް ނިކުމެ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެ މުޒާ ޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމުން ބުނެފި އެވެ.

ނެރުނު ނޫސް ބަޔާނެއް މެދުވެރިކޮށް ޕީޕީއެމުން ބުނެފައިވަނީ ސުލްހަވެރިކަމާއެކު ރޭ މާލޭގައި މުޒާހަރާ ކުރަމުން ދިޔަ މީހުނާ އެމްޑީޕީގެ މެންބަރުން ދިމާކޮށްލައި ލަކުޑި ބުރިފަދަ ތަކެތިން ހަމަލަދީފައިވާ ކަމަށެވެ.

"އެމްޑީޕީ ޖަގަހައިން ލަކުޑިބުރި ތަކާއި ވަޅިފަދަ ތޫނު ހަތިޔަރު ހިފައިގެން ނުކުތް އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ވަނީ ސްލްހަވެރިކަމާއެކު މުޒާހަރާކުރަމުންދިޔަ މީހުނަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފައި،" ޕީޕީއެމުން ވަނީ ބުނެފަ އެވެ.

އެ ޕާޓީން ވަނީ މި ހަަމަލާތަކާއި އަދި ރޭ އެމްއެންބީސީގެ ރިޕޯޓަރަކަށް ބަޔަކު މީހުން ދިން ހަމަލާ ވެސް ކުށްވެރިކޮށްފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް އަލްހާނު ފަހްމީ މިއަދު ވިދާޅުވީ ރޭ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީގައި މާރާމާރީ ހިނގާފައިވަނީ އެ ސަރަހައްދަށް ގޮސް އެ ފަރާތްތަކުން އިސްވެ ކަމަށެވެ.

"އެމްޑީޕީގެ ހަރުގެއަށް ހަމަލާ ދިނުމަށް އުމަރު ނަސީރު އިސްކޮށް ހުރެގެން އެމްޑީޕީ ހަރުގެ ކައިރިއަށް އައީ. އެމްޑީޕީ މެންބަރުން ތިބީ ލަކުޑިބުރިއާ ވަޅި ހިފައިގެން އެމީހުނާއި ހަނގުރާމަ ކުރަން ތައްޔާރަކަށް ނޫން. އެހެން ނަމަވެސް އެމްޑޕީ ހަރުގެ ކައިރިއަށް އެއްވުމަށް މަސައްކަތްކުރުމުން އެމްޑީޕީގެ މީހުނާއި ދެމެދު ތަޅާފޮޅުން ހިނގާފައިވަނީ. އިދިކޮޅު ފަރާތްތަކުން އައިސް އެމްޑީޕީގެ މެންބަރުންނާއި ކުރިމަތިލާފައިވަނީ،" އަލްހާނު ވިދާޅުވި އެވެ.

ރޭ އިދިކޮޅު ފަރާތަކުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގެ ބައިވެރިންނާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ދެމެދު ކުރިމަތިލުންތައް ހިނގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު ހަމަ ނުޖެހުމުގެ ތެރޭގައި މާލޭގެ ބައެއް ތަންތަނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.