07 Dec 2020, 16:54
އެއާޕޯޓުތަކުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެއާޕޯޓުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްވަރާތަކުގައި، ކުރިއަށް އޮތް ފަތުރުވެރިކަމުގެ "ޕީކް ސީޒަން"ގައި، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް އެއާޕޯޓުތަކުގައި ފޯރުކޮށްދޭ ހިދުމަތްތައް ހަލުވިކަމާއި، ލުއިފަސޭހަކަމާއި، ރައްކާތެރިކަމާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ކޮވިޑް-19އާ ގުޅިގެން ހާއސަ ހާލަތެއް ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ، މި ކަމުގައި ޝާމިލުވާ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމަށް ވިދާޅުވެފައެވެ.
އަދި އެއާޕޯޓުތަކަކީ މިހާރު ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް ރައްކާތެރި ގޮތެއްގެ މަތިން ހިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާ ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެއާޕޯޓުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ކަންކަން ބެލެހެއްޓުމަށް އެކަށައަޅާފައިވާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް ނައިބު ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ދަތުރުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ނަައިބު ރައީސް އާ ހިއްސާ ކުރައްވައިފައެވެ.
ނައިބު ރައިސް ފައިސަލް ވަނީ އެ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާ ކުރައްވާ، އިރުޝާދު ދެއްވާފައެވެ.