ފަތުރުވެރިކަމުގެ ދާއިރާ އިން ދިވެހީން ބިނާ ކުރުމަށާއި އެ ދާއިރާ އިން ދިވެހީންނަށް ފުރުސަތު ހޯދައި ދިނުމަށް، ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި ބޭރު ފަރާތްތަކަށް އިންޓާންޝިޕް ފުރިހަމަކުރުމަށް ހާއްސަ ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނު ގެ 17 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި ބޭރުގެ ފަރާތްތަކަށް އިންޓާންޝިޕް ފުރިހަމަކުރުމަށް ސްޕެޝަލް ވިސާދޫކުރުމަށް އެ މިނިސްޓްރީ އިން ހަދާފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސް، އެކަން އެންގުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ސާކިޔުލާއެއް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިން ބިނާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށް އިންޓާނުންގެ ގޮތުގައި ބިދޭސީ ދަރިވަރުން ގެނައުމަށް ނޯ އޮބްޖެކްޝަން ދިނުމުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ފުރުސަތު ދޭ ކޮންމެ ބިދޭސީ އިންޓާންއަކަށް ދެ ދިވެހި ދަރިވަރުން ތަމްރީނުކޮށް، އަދި ބިދޭސީ އިންޓާން އަށް ފުރުސަތު ދިން މުއްދަތަށްވުރެ ކުރު ނޫން ނުވަތަ އެ ކުއްޖަކު ކިޔަވާތަނަކުން ބުނެފައިވާ މުއްދަތަށް އިންޓަންޝިޕްގެ ފުރުސަތުދޭން ޖެހޭގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެކަން ކަށަވަރުކުރުމަށް ގޮތުން ބިދޭސީ ދަރިވަރުގެ ވިސާ ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން ދޫކުރާ ނޯ އޮބްޖެކްޝަން ލެޓާ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅާއިރު ދެ ދިވެހި ދަރިވަރުންގެ އިންޓަރންޝިޕާ ގުޅޭ އެއްބަސްވުން ހުށަހަޅަން ލާޒިމުވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ޓޫރިޒަމް އިން ބުނީ މި އުސޫލަކީ ދުނިޔޭގެ އެކިއެކި ކިޔަވާދޭ މަރުކަޒުތަކުން އެފަރާތްތަކުގެ ދަރިވަރުން ރާއްޖޭގެ ފަތުރުވެރިކަމުގެހިދުމަތްދޭ ޓޫރިސްޓް ރިސޯޓް، ހޮޓެލް، މެރީނާ، ޑައިވް ސްކޫލް، ޓޫރިސްޓް ވެސެލްސް، ޓްރެވަލް އޭޖެންސީ އަދި ޓޫރިސްޓް ގެސްޓް ހައުސް ފަދަ ތަންތަނުގައި އެކި ދާއިރާތަކުން މަސައްކަތްތަކުގެ ތަޖުރިބާ ހޯދުމަށްޓަކައި އިންޓަރނުންގެ ގޮތުގައި މަސައްކަތްކުރުމަށާއި އަދި ރިސާރޗް ސްޓަޑީ ހެދުމަށް ބިދޭސީ ދަރިވަރުން އިންޓާނުންގެ ގޮތުގައި ފޮނުވުމަށް އެދޭތީ، އަމަލުކުރުމަށް އެކުލަވާލާފައިވާ ސްޕެޝަލް ވިސާ ދޫކުރުމުގެ އުސޫލެއް ކަމަށެވެ.