ކޮވިޑް19 އާއި ގުޅިިގެން އާމްދަނީ އަށް އަސަރުކުރި މީހުންނަށްދޭ އިންކަމް ސަޕޯޓް އެލަވެންސްގެ މުއްދަތު މި އަހަރުގެ ނިޔަލަށް ދޭން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކުރި މީހުންނަށް ސަރުކާރުން ދޭ އެލަވެންސް މިއަހަރުގެ އޮކްޓޯބަރުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ދޭން ނިންމާފައިވާކަމަށެވެ.

އެލަވަންސް ދިނުމުގެ މުއްދަތު އިތުރުކުރީ އޮގަސްޓު ނުވަ ވަނަ ދުވަހު ރައީސް އޮފީހުން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު" ގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.

ސަރުކާރުން ވަނީ އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ކުރިއަށް ގެންގޮސްފައެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ރާއްޖޭގައި ވަޒީގާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދޭނެ ކަމަށް ކުރިންވެސް ސަރުކާރުން ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 26 ގެ ނިޔަލަށް 11،814 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 143.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.