ކޮވިޑާ ގުޅިގެން ސުކޫލުތައް ބަންދުކޮށްފައި ހުރި ހުރުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ސުކޫލުތައް ނުހުޅުވައިފި ނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން ސުކޫލުތަކުގައި މިހާރު ކިޔަވައިދެމުން ދަނީ އޮންލައިންކޮށެވެ. ނަޝީދު ވިދާޅުވީ ގައިދުރު ނުކޮށް މަދަރުސާތައް އަވަހަށް ފެށޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"ދެން އިތުރު މުއްދަތަަކަށް މަދަރުސާތައް ބަންދުކޮށްފައި ބަހައްޓަން ޖެހިއްޖެ ނަމަ ނުވަތަ މަދަރުސާތައް އޭގެ އާންމު ގޮތުގައި ކުރިއަށް ނުގެންދެވިއްޖެ ނަމަ ރާއްޖެއަށް ލިބޭ ގެއްލުން އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވެގެން ދާނެ." ނަޝީދު ވިދާޅުވި އެވެ.

ސުނާމީއާ ގުޅިގެން ބަންދުކުރެވުނު މަދަރުސާތަކުގެ ތެރެއިން ވިލުފުށީ މަދަރުސާ އަދި ކަނދޮޅުދޫ މަދަރުސާ އަށް އަދިވެސް ކުރިން އެ ދެ މަދަރުސާ ދައްކަމުން ދިޔަ ނަތީޖާއާ ހަމައަށް ނާދެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގެ ހުރިހާ މަދަރުސާތައް ބަންދުވެ، އިންޓަނެޓްގެ ޒަރީއާއިން ސުކޫލުތައް ހިންގަމުން ގެންދިއުމުން އޭގެން ލިބޭނެ ގެއްލުންތަކާއި މެދު ވިސްނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސުކޫލުތަކުން މިފަހަރު ރިޕޯޓު ފޮތް ދިނީވެސް އިންޓަނެޓް މެދުވެރިކޮށެވެ. މިހާރު ފުރަތަމަ ޓާމުގެ ޗުއްޓީއަށް ގޮސްފައިވާއިރު ދެވަނަ ޓާމަށް ހުޅުވޭއިރުވެސް ސުކޫލުތައް އާންމު އުސޫލަކުން ހިންގޭނެ ކަމުގެ ފެހި ސިގުނަލެއް ސަރުކާރުންވެސް އެޗްޕީއޭއިންވެސް ދީފައެއް ނުވެ އެވެ.