ހައިދަރުއާބާދު (ޑިސެމްބަރު 7): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އެލޫރޫ ސިޓީގައި 300 މީހަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިއްޖެ އެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުގައިވާ ގޮތުން އެލޫރޫގައި ބަޔަކު ބަލި ވާން ފެށީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. އެ ސިޓީގެ ސަރުކާރު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ބަލިވި މީހުންގެ ލޯ ކަރާ، ހޮޑުލަވާ ގޮތްވި އެވެ. އަދި ބައެއް މީހުން ހޭ ނެތި، ފިޓު ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ޑޮކްޓަރު ވިދާޅުވި ގޮތުގައި ފަހުން އެ އެންމެންގެ ހާލުވެސް ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލިވި 300 މީހުންގެ ތެރެއިން 140 މީހުން ގެޔަށް ފޮނުވާލާފައިވާ ކަމަށް ގޮޑަވަރީ ޑިސްޓުރިކްޓުގެ މެޑިކަލް އޮފިޝަލުން މިއަދު ވިދާޅުވި އެވެ.

އަންދުރަ ޕްރަދޭޝްގެ ގަވަރުނަރު ބިސްވާ ބުސާން ހަރިޗަންދަން ވަނީ އެހާވަރަށް ގިނަ އަދަދެއްގެ މީހުން ކުއްލިއަކަށް ބަލިވި ސަބަބު ހޯދުމަށާއި އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތް ހެދުމަށް ހެލްތު އޮފިޝަލުންނަށް އަންގަވާފަ އެވެ.

އަންދުރަ ޕްރަދޭޝްގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ ތެލުގޫ ދެސަމް ޕާޓީ (ޓީޑީޕީ)އިން ތުހުމަތު ކުރާ ގޮތުގައި އެލޫރޫގައި މީހުން ބަލިވީ އެ ސަރަހައްދުގައި ބޯ ފެން ތަޣައްޔަރު ވުމުންނެވެ. ނަމަވެސް އެ ސްޓޭޓުގެ ހެލްތު މިނިސްޓަރު އޭ އަލަ ކަލީ ކްރިޝްނާ ސްރިނިވަސް ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ.

ސްރިނިވަސް ވިދާޅުވި ގޮތުގައި ބަލިވި މީހުންގެ ލޭގެ ސާމްޕަލްތަކާއި ސްވެބް ޓެސްޓުތައް ވަނީ ލެބަށް ފޮނުވާފަ އެވެ. އަދި އެ މީހުން ކޮރޯނާވައިރަހަށް ޓެސްޓުކޮށް، އެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އޮފިޝަލުން ޒިޔާރަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުން ބަލިވި ސަރަހައްދުތަކަށް އޮފިޝަލުން ޒިޔާރަތް ކުރި. އެއަށް ފަހު އަޅުގަނޑުމެން ނިންމީ މީހުން ބަލިވީ ފެން ނުވަތަ ވައި ތަޣައްޔަރު ވުމުގެ ސަބަބުން ނޫން ކަމަށް. ފެނުގެ ސާމްޕަލްތައް ޓެސްޓު ކުރުމުން ތަޣައްޔަރުވެފައި ނުވާކަން އެނގުނު،" ސްރިނިވަސް ވިދާޅުވި އެވެ.

މީގެ އިތުރުން ބަލިވި މީހުންގެ ފަރާތުން ވައިރަލް އިންފެކްޝަނެއް ނުފެންނަ ކަމަށާއި އެންމެންވެސް ކޮވިޑަށް ނެގެޓިވްވެފައިވާ ކަން ސްރިނިވަސް ފާހަގަ ކުރެއްވި އެވެ. އަދި އެ ބައްޔާ ބެހޭ މައުލޫމާތު އެނގޭނީ ލެބް ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބަލީގެ އަސަރު އިތުރު ބަޔަކަށް ކޮށްފައިވޭތޯ ބެލުމަށާއި ބަލިވި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މީހުންގެ ހާލު މޮނިޓާ ކުރުމަށް އޮފިޝަލުން ގޭ ގެޔަށް ގޮސް ސާވޭއެއް ކުރިއަށްގެންދާ ކަމަށް ޑިސްޓުރިކްޓު ކަލެކްޓަރު ވިދާޅުވި އެވެ.

އަންދުރަ ޕްރަދޭޝްއަކީ މިހާރު އިންޑިއާގައި ތިން ވަނައަށް އެންމެ ބޮޑަށް ކޮރޯނާވައިރަސް ފެތުރިފައިވާ ސްޓޭޓެވެ. އެ ސްޓޭޓުގައި 800،000އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފަ އެވެ.