07 Dec 2020, 12:25
މާފުށީގައި މަސްތުގެ ހާލުގައިހުރެ އާންމުތަންތަނާ ނިވާކަން ކުޑަކޮށް އުޅުނު އަންހެން ފަތުރުވެރިޔާ ފުލުހުން ހައްޔަރު ކުރުމުގައި ގޯހެއް ހަދާފައި ނެތް ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއިން ނިންމައިފި އެވެ.
ސަލާމަތީ ހިދުމަތްތަކުގެ މައްސަލަތައް ބެލުމުގެ މެންޑޭޓް އޮންނަ ކޮމެޓީއިން އެ މައްސަލަ ބަލައި ނިންމި ރިޕޯޓުގައި ބުނެފައިވަނީ ނިވާކަން ކުޑަކޮށް އަންހެން ފަތުރުވެރިޔަކު އުޅޭކަމުގެ ޝަކުވާ ލިބުމުން ފުލުހުން އެތަނަށް ގޮސް އޭނާގެ ހަށިގަނޑު ނިވާކުރުމަށް ތަކުރާރުކޮށް ނަސޭހަތްދިން ކަމަށެވެ.
އެހެން ނަމަވެސް ފަތުރުވެރިޔާ އެކަމަށް އިންކާރުކޮށް، އެތަނަށް ދިޔަ ފުލުހުންގެ ތެރެއިން ފުލުހެއްގެ އައިނު އަތުލައި، ކުލަ ހެދުމުގައި ހުރި ފުލުހެއްގެ ފުލުހެއްކަން އަންގައިދޭ ކާޑު ދަމައިގަތުމަށް މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ފުލުހެއްގެ އަތުގައި ދަތް އަޅާފައިވާ ކަމަށް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ފަތުރުވެރިޔާ ފުލުސް އޮފީހަށް ގެންދިޔައީ ހައްޔަރުކުރުމަށް ނޫން ކަމަށާއި އެއީ އެވަގުތު އެކަން ހިނގި ސަރަހައްދަށް އެއްވެ ތިބި އާންމުންގެ ފަރާތުން ފަތުރުވެރިޔާއަށް އަދި ފަތުރުވެރިޔާގެ ފަރާތުން އާންމުންނަށް ނުވަތަ ފުލުހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރަން ކަމަށް ވެސް ކޮމެޓީން ބެލިބެލުމުން ވަނީ ހޯދާފަ އެވެ.
މިކަން ހިނގައިދިޔައިރު ފަތުރުވެރިޔާ ލައިގެން ހުރީ ހެދުމަކީ ރާއްޖޭގެ ޓޫރިސްޓު ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދާ ހިލާފުވާ ހެދުމެއް ކަމަށާއި އެ ފަތުރުވެރިޔާ ހުރި މާފުށީގެ އަތިރިމަތީގައިވެސް އެފަދަ ހެދުން ލައިގެން އުޅުން މަނާކަން އަންގައިދޭ ނިޝާން ހަރުކޮށްފައިވާ ކަމަށް ވެސް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުންގެ ޕްރެފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވެސް ވަނީ ތަހުގީގުކޮށްފަ އެވެ. އަދި ފަތުރުވެރިޔާ ފުލުހުންގެ މަރުކަޒަށް ގެންދިއުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނީގެ އިމުގެ ތެރެއިން ކަމަށް ވެސް ވަނީ ނިންމާފަ އެވެ.
މި މައްސަލައިގައި އިތުރު ފިޔަވަޅެއް އެޅެން ނުވަތަ އެންގުމެއް އަންގަންޖެހޭ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ކަނޑައެޅުމަށްފަހު ކޮމެޓީ ރިޕޯޓު މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.
ނިވާކަން ކުޑަކޮށް މާފުށީގައި އުޅުނު އަންހެން ފަތުރުވެރިޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
އެހެން ނަމަވެސް އެކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ނުބުނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.