24 Jan 2012, 14:58
މާމިގިލީ ސްކޫލްގެ ޕްރިންސިޕަލް ގެއިން އިލެކްޓްރޯނިކް ސާމާނުތަކަކާ ގިނަ އަނދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތަށް 18 އަހަރުގެ ކުއްޖަކާއި އުމުރުން 15 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޔެ ފުލުހުންނަށް ރިޕޯޓުކުރި އެ މައްސަލަ ބެލިއިރު މާމިގިލީގައި ހުންނަވާ ޕްރިންސިޕަލްގެ ގެއިން 20،000 އިންޑިއާ ރުޕީސް އާއި 2،000ރ. އާއި 30 ޑޮލަރު ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ލެޕްޓޮޕަކާއި ފޯނެއްގެ އިތުރުން ދެ ޕެންޑްރައިވާ ކެމެރާއެއް ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ޕެންޑްރައިވާ 30 ޑޮލަރު ފިޔަވާ އެހެން ހުރިހާ އެއްޗެއް މިހާރު ހޯދުމަށްފަހު ޕްރިންސިޕަލާ ހަވާލުކޮށްފައިވާ ކަމަށެވެ. ޕްރިންސިޕަލަކީ އިންޑިޔާގެ ބޭފުޅެކެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ ކުދިން ވެސް މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގައި ދަށުގައި ތިބި ކަމަށާއި ހައްޔަރު ކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކީ އެއަތޮޅު އެހެން ރަށެއްގެ ކުއްޖެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މާމިގިލިން ވާހަކަ ދެއްކި މީހަކު ބުނީ އެ މައްސަލައިގައި ހިމެނޭ 18 އަހަރުގެ ކުއްޖާ ފުލުހުންނާ ހަވާލު ކުރުމުގެ ކުރިން އެ ކުއްޖާގެ ބުރަކަށީގައި ބޮޑު ވަގު ޖެހުމަށްފަހު އެރަށުގައި ހިންގުވައި ބައެއް މީހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ އެފަދަ ކަމެއް ހިނގިކަން ފުލުހުންނަށް އެނގިފައިނުވާ ކަމަށާއި އެއް ކުއްޖަކު ފުލުހުންނާ ހަވާލު ކުރީ ކައުންސިލް އިދާރާއިން ކަމަށެވެ.
ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ އަތުގައި ހުންނަ ފައިސާ އާއި އަގުބޮޑެތި ތަކެތި ވަގަށް ގެންދާ މައްސަލަ މިދިޔަ އަހަރު ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.