07 Dec 2020, 14:29
ވޮޝިންޓަން (ޑިސެމްބަރު 7) : އަންނަ ޖަނަވަރީ 20ގައި ވައިޓް ހައުސް އިން ނުކުމެ ވަޑައިގަންނަވަން ޖެހުނު ނަމަވެސް ބޭނުންވަނީ އޭގެ ތިން ހަފްތާ ފަހުން އަލުން އެނބުރި ވައިޓް ހައުސްއަށް ވަދެވަޑައިގަތުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ޖޯޖިޔާގެ ދެކުނު ސިޓީއެއްކަމަށްވާ ވަލްޑޮސްޓާ ސިޓީގައި އޭނާގެ ސަޕޯޓަރުން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިއެއްވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެންމެފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަކީ އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ބޮޑު އޮޅުވާލުމެއް ހިންގާފައިވާ އިންތިޚާބު ކަމުގަ އެވެ. ނަމަވެސް މިކަމާބެހޭ ތަފްސީލެއް ޓްރަމްޕް ނުދެއްވަ އެވެ.
ތިން ހަފްތާފަހުން ވައިޓް ހައުސްއަށް އަލުން ވަދެވަޑައިގަންނަވަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި އިރު މީގެ ދެ ދުވަސްކުރިން ޓްރަމްޕް ވަނީ 2024ގައި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް ސީދާ ގޮތެއްގައި އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
ޓްރަމްޕްގެ އަރިސް ބޭފުޅަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އަލުން ވައިޓް ހައުސް އަށް ވަދެވަޑައިގަންނަވަން ބޭނުންވާކަމަށް ޓްރަމްޕް އިޝާރާތް ކުރެއްވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މަކަރުހަދާފައިވާކަން ސުޕްރީމް ކޯޓަށް ސާބިތުކޮށްދެވޭ ވަރުގެ ބޮޑެތި ހެކިތަކެއް ހުރުމުންނެވެ. މި ހެކިތަކާއެކު އިންތިޚާބު ބާތިލްކުރާނެ ކަމުގެ ހުކުމެއް ނޫނީ އިންތިޚާބު ކާމިޔާބުކުރި ޓްރަމްޕް ކަމަށް ނިންމާނެ ހުކުމެއް އެމެރިކާގެ ސުޕްރީމް ކޯޓުން ނެރޭނެ ކަމުގެ ބޮޑު އުންމީދެއް ޓްރަމްޕަށް އޮތްކަމަށްވެސް ނަންހާމަ ކުރަންނޭދޭ އޭނާގެ އަރިސް ފަރާތުން ބުނެފައިވެއެވެ.
ޓްރަމްޕްގެ ކޭންޕޭނުން އެމެރިކާގެ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށްބުނެ އެމެރިކާގެ ސްޓޭޓްތަކުގެ ކޯޓުތަކަށް އެތަށް މައްސަލައެއް ހުށަހަޅާފައިވީނަމަވެސް މިއިން އެއްވެސް މައްސަލައެއް ކާމިޔާބުވެފައެއް ނުވެއެވެ. ޓްރަމްޕްގެ ކޭންޕޭނުން ހުށަހެޅި ގިނަ މައްސަލަތަކުގެ ހެކި ނެތުމުން ކޯޓުތަކުންވަނީ އެމައްސަލަތައް ބޭރުކޮށްލާފައެވެ.
އަނެއްކޮޅުން ޓްރަމްޕް ވަނީ އޭނާގެ ގާނޫނީ ވަކީލު އަދި ޓްރަމްޕްގެ ކޭންޕޭންގެ ގާނޫނީ ކަންތައްތަކުގައި އިސްކޮށް އުޅުއްވާ ރުޑީ ޖޫލިޔާނީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފައެވެ. ކޮވިޑް ގެ ޝިކާރައަކަށް ވެފައިވާ ޖޫލިޔާވަނީ އެބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ޖޯޖް ޓައުން ޔުނިވާސިޓީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އުމުރުން 76 އަހަރުގެ ޖޫލިޔާނީއަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ބޮޑު އޮޅުވާލުމެއް ހިންގާފައިވާ އިންތިޚާބުގެ ހަގީގަތް ހޯދައި އެކަމުގެ ފަހަތުގައިވާ ފަރާތްތައް ބޭޒާރުކޮށްލުމަށް ރެއާ ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ބޭފުޅެކެވެ. ޖޫލިޔާނީ އަކީ ނިޔުޔޯކްގެ މޭޔަރުކަންވެސް ކުރިން ކުރައްވާފައިވާ ޓްރަމްޕްގެ ވަރަށް އަރިސް ބޭފުޅެކެވެ. ވަރަށް ޒުވާން އަންހެނަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ޖޫލިޔާނީއަކީ މަހުޖަނެކެވެ.
ކޮވިޑް އަށް ޕޮޒިޓިވް ވުމުގެ ކުރިން ޖޫލިޔާނީވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލަތައް އެމެރިކާގެ ސްޕްރީމް ކޯޓަށް ހުށަހެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ވިދާޅުވެފައެވެ. މިކަމަށް ބޭނުންވާ ފައިސާވެސް ލިބިފައިވާ ކަމަށް ޖޫލިޔާނީ ވިދާޅުވިއެވެ. ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ކޭންޕޭނުންވަނީ ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލަތައް އެމެރިކާގެ ސްޕްރީމް ކޯޓަށް ހުށަހަޅައިގެން އެކަން ކުރިޔަށް ގެންދިޔުމަށްޓަކައި 200 މިލިޔަން ޑޮލަރު ހޯދާފައެވެ. މިފައިސާ ހޯދާފައިވަނީ ޓްރަމްޕަށް ސަޕޯޓްކުރާ ފަރާތްތަކުން ދީފައިވާ ހިލޭއެހީގެ ތެރެއިންނެވެ. (އަލްޖަޒީރާ)