ކުޅުދުއްފުށީގައި މިހާރު ކުރިއަށް ގެންދާ ޑަބްލިއުއެސްއޭ ހޭންޑްބޯލް ބެޓްލްގެ ފައިނަލުން ފެމިލީ ބޭކަރސްގެ ދެ ޓީމާއި ނޮޅިވަރަމް އަދި ނިއުއޭޖްއެސްސީ ޖާގަ ހޯދައިފި އެވެ.

މި ހަތަރު ޓީމު އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ރޭ އެ މުބާރާތުގައި ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބު ކޮށްގެނެވެ. ރޭ ކުޅުނު މުބާރާތުގެ ސެމީ ފައިނަލްގައި އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ފެމިލީ ބޭކަރސް އާއި ފައިވް ބައްދަލުކުރި އިރު، ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ ނޮޅިވަރަމް އާއި ރަނިކަ އެވެ.

މުބާރާތުގައި ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އަންހެން ޑިވިޝަންގެ ފެމިލީ ބޭކަރސް އާއި ފައިވް ބައްދަލުކުރި މެޗު ފެމިލީ ބޭކަރސް ކާމިޔާބުކޮށްފައި ވަނީ 12-4 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފެމިލީ ބޭކަރސްގެ އައިމިނަތު ހިބާ ފައިސަލް އެވެ.

އަންހެން ޑިވިޝަންގެ ދެވަނަ ސެމީފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ނޮޅިވަރަމް އާއި ރަނިކަ އެވެ. އެ މެޗު 10-7 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކުޅުދުއްފުށިން ބޭރުން އެ މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމް ކަމަށްވާ ނޮޅިވަރަމް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަމްގެ މައުސޫމާ އަބްދުއް ރަހީމެވެ.

މުބާރާތުގެ ފިރެހެން ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ ސެމީފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ނިއުއޭޖްއެސްސީ އާއި ޒިގްޒެގް އެވެ. އެ މެޗު ނިއުއޭޖް ކާމިޔާބުކޮށްފައި ވަނީ 14-8 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުއޭޖްގެ އަހުމަދު ދާވޫދެވެ.

ފިރެހެން ޑިވިޝަންގައި ރޭ ކުޅުނު ފަހު ސެމީފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ފެމިލީ ބޭކަރސް އާއި ޓީމް އަލްފާ އެވެ. އެ މެޗު 14-9 ގެ ނަތީޖާއަކުން ފެމިލީ ބޭކަރސް ކާމިޔާބުކޮށްފައި ވާއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފެމިލީ ބޭކަރސްގެ އަހުމަދު ސައިފް ނައީމް އެވެ.

މުޅިއަކު 16 ޓީމާއެކު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ޑަބްލިއުއެސްއޭ ހޭންޑްބޯލް ބެޓްލްގެ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މިރޭ އެވެ. އެ މުބާރާތް ކުރިއަށް ގެންދަނީ ޑަބްލިއު ސްޕޯޓްސް އެކެޑެމީ އާއި ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް ގުޅިގެނެވެ.