ވޮޝިންޓަން (ޑިސެމްބަރު 7): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަކީލު ރޫޑީ ޖޫލިއާނީއަށް ކޮވިޑު ޖެހި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެމެރިކާގެ މީޑިއާތަކުގައިވާ ގޮތުން 76 އަހަރުގެ ޖޫލިއާނީ ވަނީ އިއްޔެ ވޮޝިންޓަން ޑީސީގެ މެޑްސްޓާ ޖޯޖްޓައުން ޔުނިވާސިޓީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފަ އެވެ. އަދި ޓުވިޓާ މެދުވެރިކޮށް އޭނާ ވަނީ އޭނާގެ ހާލު ރަނގަޅު ވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"އެންމެންގެ ހެޔޮ ދުއާއަށް ޝުކުރިއްޔާ. އަޅުގަނޑަށް ވަރަށް ރަނގަޅު ފަރުވާ ލިބެމުން ދަނީ. އަޅުގަނޑުގެ ބަލި ދަނީ ރަނގަޅު ވަމުން އަދި އަޅުގަނޑު މިދަނީ ހުރިހާ ކަމެއްވެސް ބަލަމުން،" ޖޫލިއާނީގެ ޓުވީޓެއްގައިވެ އެވެ.

ޖޫލިއާނީއަށް ބަލި ޖެހުނީ ކޮން އިރަކު ކަމެއް އަދި އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަ ކަމަށް އޭނާ ވިދާޅުނުވެ އެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި މާސްކު އެޅުމާއި ޖިސްމާނީ ގައިދުރުކަން ބެހެއްޓުން ފަދަ ގަވާއިދުތަކަށް ޓްރަމްޕްގެ ސަރުކާރުން އަމަލު ނުކުރާތީ އެ ސަރުކާރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އެމެރިކާގައި މިދިޔަ މަހުގެ ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ޓްރަމްޕްގެ ކެމްޕޭނުން ބުނެ އެވެ. އަދި އެ ނަތީޖާއާ ދެކޮޅަށް އެކި ސްޓޭޓުތަކުގައި ހުށަހަޅާފައިވާ މައްސަލަތައް ތަމްސީލު ކޮށްދެއްވުމަށް ފާއިތުވި ދުވަސްތަކުގައި ޖޫލިއާނީ ވަނީ އެ ސްޓޭޓުތަކަށް ވަޑައިގަންނަވާފަ އެވެ.

އެ ދަތުރުތަކުގައި ޖޫލިއާނީ މާސްކް ނާޅާ، ގައިދުރު ކަމެއް ނެތް އެއްވުންތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ ކުރިން މިދިޔަ އޮކްޓޯބަރު މަހު ޓްރަމްޕް އާއި އަނބިކަނބަލުން މެލާނިއާއަށްވެސް ކޮވިޑު ޖެހުނެވެ. އަދި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ސަރުކާރުގެ އެހެން މެމްބަރުންގެ ތެރޭގައި ޓްރަމްޕްގެ ޗީފް އޮފް ސްޓާފް މައިކް މެޑޯސް އާއި ޕްރެސް ސެކްރެޓަރީ ކޭލީ މެކެނޭނީ ހިމެނެ އެވެ.

ޓްރަމްޕް ވަނީ އޭނާ ނާކާމިޔާބުވި ރިޔާސީ އިންތިހާބުން ބަލި ގަބޫލު ކުރައްވަން ދެކޮޅު ހައްދަވާފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެޓާނީ ޖެނެރަލް ވިލިއަމް ބާ ވަނީ ވޯޓުން މަކަރު ހަދާފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.