24 Jan 2012, 14:42
ދައުލަތުގެ ހަ ބިލިޔަނަށްވުރެ ގިނަ ރުފިޔާ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ހިފެހެއްޓިފައި އެބަހުރި ކަމަށާއި އެއީ ރާއްޖޭގެ ގައުމިއްޔަތަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އުތީމުގައި މިއަދު ގައުމާ މުހާތަބު ކުރައްވާ ރައީސްބ ވިދާޅުވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ފައްކާ ކުރައްވާ ފަނޑިޔާރުގެއަކީ ހަމައެކަނި ރުފިޔާގެ ޢަދަދާއި ރުފިޔާގެ ޙިމާޔަތުގައި ކަންކަން ހިފެހެއްޓިފައި ހުންނަ ފަނޑިޔާރުގެއެއް ނޫން ކަމަށާއި އެއީ އެންމެނަށް އިންޞާފު ލިބޭ ފަނޑިޔާރުގެއަކަށް ވާން ޖެހޭނެ ކަމަށެވެ.
"މިއަދުގެ ފަނޑިޔާރުގޭގައި، މި ދައުލަތުގެ ހަ ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މައްސަލަ ހުއްޓިފައި އެބަހުރި. އެއީ އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް އެޅޭ ވަރަށްބޮޑު ހުރަހެއް. ފަނޑިޔާރުގެއެއްގެ އެންމެ މުހިންމު އެއް އަސާސަކީ، އަވަހަށް އެކަންވުން. އިންޞާފު އަވަސް ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިންނަށްޓަކައި އެމަނިކުފާނު އެދިވަޑައިގަންނަވާ ޤައުމިއްޔަތުގައި ހިމެނޭ ފަނޑިޔާރުގެއަކީ އެތައް އަހަރެއް ވަންދެން މައްސަލަތައް ހުންނަ ފަނޑިޔާރުގެއް ނޫން ކަމަށެވެ.
"ދަންނަވަންތޯ، ބައެއްފަހަރަށް ދިމާވާ ހިތާމަވެރިގޮތް. މީހާ މަރުވެ، އޭނާގެ ތަރިކަ ނުބެހި، އޭނާގެ ކާފަދަރިން އެބަ ޔަތީމުވޭ. އޭނާގެ ދެންތިބި ދަރިން ވެސް ނެތިދިޔައީމާ ފަނޑިޔާރުގޭގައި ތަރިކަ ނުބެހި، ހިފެހެއްޓި، އޭނާގެ ކާފަ ދަރިންނަށް، އެ މުދާ އިސްލާމީ ޝަރީޢަތުން ވާރުތަކުރާ މުދާ ނުލިބި، ކުދިން އެބަ ޔަތީމުވެދޭ،" ރައީސް ވިދާޅުވި އެވެ.
ދިވެހި ގައުމިއްޔަތު ސިފަކުރާ ފަނޑިޔާރުގެއަކީ އެހެން އެއްވެސް ތަނެއްގެ ނުފޫޒެއް ނުފޯރާ ފަނޑިޔާރު ގެއަކަށް ވާންޖެހޭ ކަމަށާއި ފަނޑިޔާރު މަނިކުފާނަކީ އިބަތާއި ޤަދަރާއި ޢިއްޒަތުގައި ރާއްޖޭގެ ހުރިހާ ދިވެހިންނަށް އިންޞާފު ހޯއްދަވައިދެންވަންޖެހޭނެ ބޭފުޅެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އުއްތަމް ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވެސް ވަޑައިގެންނެވި އިންނެވި ޖަލްސާގައި ރައީސް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ އިސްތަށިފުޅުގައި އެޅިފައި އޮންނަނީ ކުޑަ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހޯމް މިނިސްޓަރެކޭ އެއްފަދައިން، ސަރުކާރުން ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެގެ ފަޑިޔާރުގެތަކާއި ފަނޑިޔާރުންނަކީ މުއްސަނދިންނާއި ސާދާގަރުންނާ ގުޅުއްވައިގެން، ކަންކަން ނިންމާ ފަނޑިޔާރުގެތަކަކަށް ވެގެން ނުވާނެ ކަމަށާއި އެފަދަ ފިކުރާއި ވިސްނުމުމާއި ޚިޔާލެއްވެސް އައިސްގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި އެދޭ ޤައުމިއްޔަތު ބިނާވެފައި އޮންނަނީ، ރުފިޔާގެ މައްޗަކަށެއް ނޫން. ނުފޫޒުގެ މައްޗަކަށެއްވެސް ނޫން. ހަމަހަމަކަމުގެ މައްޗަށް. އިންޞާފުގެ މައްޗަށް. ފަނޑިޔާރުގެ އަޅުގަނޑުމެންނަށް، އަޅުގަނޑަށް ޔަޤީން، މިދެންނެވި ކަންކަން ކޮށްދޭނެ." ރައީސް ވިދާޅުވި އެވެ. " އަޅުގަނޑަށް ކަށަވަރު، އަޅުގަނޑުމެންގެ ބަދަލުވަމުންމިދާ ރާއްޖޭގައި ފައްކާކުރަން ހުރި ކިތަންމެ ކަމެއް އެބަހުރި. ފުރިހަމަކުރަންޖެހޭ ކިތަންމެ ކިތަންމެ އިދާރާތަކެއް އެބަހުރި. އެކަންކަން ކުރުމުގައި، އަޅުގަނޑުމެން އަވަދިނެތި އަބަދުވެސް އުޅޭނެ. އަޅުގަނޑު ނުހަނު ޝުކުރާއި މަރްޙަބާ އުއްތަމަ ފަނޑިޔާރަށް ދަންނަވަން. އެބޭފުޅާގެ މަސައްކަތްޕުޅަކީ، ނުހަނު އުނދަގޫ މަސައްކަތްޕުޅެއް. އެބޭފުޅާ ކުރައްވަން ޖެހިވަޑައިގެންފައިވާ ކަންކަމަކީ، ފަސޭހަ ކަންކަމެއް ނޫން. އެބޭފުޅާ ސާބިތުކަމާ އެކީގައި، އެކަންކަމުގައި ކުރިއަށް ވަޑައިގަންނަވާއިރުގައި، އަޅުގަނޑަށް ޔަޤީން، މި ރާއްޖޭގެ ރައްޔިތުން އެބޭފުޅާއަށް ހުރިހާ ތާއީދެއް ދެއްވާނެކަން،"
އެމަނިކުފާނު ވިދާޅުވީ އިންޞާފަކީ ރައްޔިތުންގެ އިންޞާފު ކަމަށާއި ހުރިހާ ޙައްގަކާއި އުޞޫލެއް ފެށި، ހިނގަމުން ދަނީ ރައްޔިތުންގެ ކިބައިގައި ކަމަށާއި ޤާނޫނުއަސާސީގެ ބާރު އަބަދުވެސް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކިބައަކު ވެސް ނޫން. ފަނޑިޔާރުގެއަކުވެސް ނޫން. ރާއްޖޭގެ ރައްޔިތުންގެ ކިބައިގައި. ހަމައެކަނި ބާރު ފެށިގެން އަންނަނީ، ރައްޔިތުންގެ ކިބައިންނެއް ނޫން. ބާރު ދެމިއޮންނަނީ ވެސް އަބަދުވެސް ރައްޔިތުންގެ ކިބައިގައި،"
ކޮންމެ ކަމެއް ކުރައްވާނީ ރައްޔިތުންނަށް އިންޞާފު ހޯއްދަވައި ދެއްވުމަށް ކަމަށާއަި ތަރައްގީވެ ތަނަވަސްވާންވީ ރައްޔިތުން ކަމަށާއި ޤައުމީ ލޯބި އުފެދެންވީވެސް ރައްޔިތުންގެ މެދުގައި ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ދޮށީ ގައުމެއް ކަމަށާއި މީގެކުރީގައި ނުވާކަމެއް ރާއްޖޭގައި ވާން ނޫޅޭ ކަމަށެވެ. ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ފަސްނުޖެހި ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރާންޖެހުނު ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ، ސާބިތުކަމާ އެކީގައި ކުރާނަން. އަދި އަޅުގަނޑު އެކަމެއް ކޮށްގެން، އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވި ނުވަތަ އަޅުގަނޑުގެ މައްޗަށް ފާޑުބުނެވި، ބަސްބުނެވި، މިފަދަ ކޮންމެ ކަމެއް ވެދިޔަ ކަމުގައިވިޔަސް ވެސް، ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ދަންނަވަން، އަޅުގަނޑުކުރާ ކަންތައްތައް ކުރަނީ، މި ޤައުމަށްޓަކައި ރައްޔިތުންނަށްޓަކައި،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑަކީ މި ވެރިކަމުގެ އާރާއި ބާރާއި، ލައްޒަތާއި އަރާމަށްޓަކައި ވެރިކަމުގައި ހުރި މީހެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ ކަންކަން ކުރުން. ރައްޔިތުން އެދޭ އެދުންތައް ފުއްދައިދިނުން. ޤައުމިއްޔަތަކީ، އެ އެދުންތައް ފުދިފައި އޮތުން. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ޤައުމިއްޔަތެއް ބިނާކުރުން."