ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު ބަތަލުންގެ ތެރޭގައި ހިމެނޭ ކާތިކް އާރްޔަންގެ ކުރިއަށް އޮތް ފިލްމު "ބޫލް ބުލައްޔާ 2"ގެ ޝޫޓިން މި މަހު ފެށުމަށް ނިންމައިފި އެވެ.

ކޮވިޑާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރި އިރު މި ފިލްމުގެ ބައެއް މަންޒަރުތައް ވަނީ ނަގައި ނިންމައިފަ އެވެ. ލަކްނޯގައި ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ލޮކްޑައުން ކުރި އިރު މި ފިލްމުގެ މަސައްކަތް އަލުން ފަށަން ނިންމާފައި މިވަނީ އިންޑިއާ އަށް ލުއިތަކެއް ދީފައިވާ ދަނޑިވަަޅެއްގަ އެވެ.

ކާތިކް އާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން މުމްބާއީގައި މި މަހު ފަށާއިރު ކިއާރާ ޝޫޓްކުރަން ފެށި ފިލްމު "ޖުގް ޖުގް ޖިޔޯ"ގެ ބައެއް ތަރިންނަށް ކޮވިޑް ޖެހިގެން ވަނީ ވަގުތީ ގޮތުން ފިލްމުގެ ޝޫޓިން މެދުކަނޑާލައިފަ އެވެ. ބޫލް ބުލައްޔާ 2ގެ ޝޫޓިންގެ މަސައްކަތް ފެބްރުއަރީ ނުވަތަ މާޗު މަހު ނިންމާލުމަށް އަޒުމު ކަނޑައަޅާފައިވާއިރު މުމްބާއީ ގައި ނަގަން ޖެހޭ މަންޒަރުތައް ނެގުމަށް ފަހު ތަރިން ލަކްނޯއަށް ފުރާނެ އެވެ.

މި ފިލްމަކީ ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމެކެވެ. މި ފިލްމަކީ ކާތިކް އާ ކިއާރާ އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެ އެވެ.
މި ފިލްމަކީ 2007ގައި އަކްޝޭ ކުމާރު ކުޅުނު "ބޫލް ބުލައްޔާ"ގެ ދެވަނަ ބަ އެވެ. ފިލްމުގެ ފުރަތަމަ ބައިގައި އަކްޝޭ ކުޅުނީ ސައިކޭސްޓްރިކް އެއްގެ ރޯލެވެ.