07 Dec 2020, 08:45
އަޝުތޯޝް ގޮވަރިކަރް ޕްރޮޑިއުސްކުރާ ފިލްމު "ކުއްރަމް ކުއްރަމް" އަށް ބަތަލާ ކިއާރާ އަދުވާނީ ސޮއިކޮށްފި އެވެ.
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ކިއާރާ މި ފިލްމަށް ސޮއިކުރިކަން ކަށަވަރުވެފައިވާއިރު މި ފިލްމުގެ ޝޫޓިން ފަށާނީ ކިއާރާ "ޖުގް ޖުގް ޖިޔޯ"ގެ ޝޫޓިން ނިންމާލުމަށްފަހު އެވެ. އެ ފިލްމުގެ ޝޫޓިން މިވަގުތަށް މެދުކަނޑާލައިފައިވާ އިރު ފިލްމުގެ މަސައްކަތް ދެން އަލުން ފަށާނީ ނީތޫ ސިންހް އާ ވަރުން ދަވަން ކޮވިޑުން ރަނގަޅުވުމުންނެވެ.
"ކުއްރަމް ކުއްރަމް"ގައި ކިއާރާ ފެންނާނީ ލިއްޖަތު ކިޔާ ވަރުގަދަ ކެރެކްޓަރަކުންނެވެ. ގޭތެރޭ ކަންތައްތަކުގައި ފިރިމީހާއަށް އެހީވުމުގެ ނިޔަތުގައި ވިޔަފާރިއެއް ފަށައި އެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސް މަޝްހޫރު ވިޔަފާރިވެރިއަކަށް ލިއްޖަތު ވާތަން މި ފިލްމުން ފެނިގެންދާނެ އެވެ.
ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ އަކްޝޭ ކުމާރު އާއެކު "ލަކްޝްމީ" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "އިންދޫ ކީ ޖަވާނީ" އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ މި މަހު 11 ވަނަ ދުވަހު އެވެ.