06 Dec 2020, 23:23
މާލޭގެ އާބާދީއަށް ބަލާއިރު 38،000 ވަރަކަށް މީހުންނަށް ކޮވިޑް-19 ޖެހި މިހާރު ރަނގަޅުވެފައިވާ ކަމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ސިރޮޕްރިވެލެންސް ސްޓަޑީއާ ހަވާލާދީ މިރޭ ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ޑިރެކްޓާ އޮފް ރިސާޗު، ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ އެ އަދަދަކީ މާލޭގެ ސާވޭއަށް ބަލައި އެންޓިބޮޑީ ހުރި މީހުންގެ އަދަދުން ލިބިފައިވާ އަދަދެއް ކަމަށެވެ.
ޑރ. ރަހީމާ ވިދާޅުވީ ސާވޭ ހެދި އާބާދީގެ 13.4 ޕަސެންޓް މީހުންގެ އެންޓި ބޮޑީސް ހުރި ކަމަށް ދައްކާ ކަމަށެވެ. އޭގެ މާނައަކީ ކޮވިޑް-19 ޖެހި ރަނގަޅު ވުމުގެ ސަބަބުން އެ ބަލިން ދިފާއުވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އުފައްދާ މާއްދާ ހަށިގަނޑުގައ ހުރުމެވެ.
ޑރ. ރަހީމާ ވިދާޅުވި ގޮތުގައި އެއީ މާލޭގެ އާބާދީގެ ގޮތުގައި ގާތްގަނޑަކަށް ބެލޭ 208،000 މީހުންގެ ތެރެއިން 38،000 މީހުން އެވެ.
"އަޅުގަނޑު މިހެން ދެންނެވިޔަސް އަޅުގަނޑު ފާހަގަކޮށްލަން ޖެހޭ ޕޮއިންޓަކީ، މީގެތެރެއިން 87 ޕަސެންޓަކީ ކޮވިޑް-19 އަށް ހުށަހެޅިފައިވާ [ބަލި ޖެހި ރަނގަޅުވެފައިވާ] މީހުން ކަމަށް ދައްކާފައެއް ނުވޭ،" ޑރ. ރަހީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް ކޮވިޑް-19 ޖެހިފައި ނުވާތީ ކޮވިޑްގެ ނުރައްކާ އަދިވެސް އޮތް ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޑރ. ރަހީމާ އިތުރަށް އިލްތިމާސްކުރެއްވި އެވެ.