މަގާމުގައި ތިބި ފުލުހުންގެ އިސް އޮފިސަރުން މަގާމުތަކުން ދުރުކުރެވޭ އިސްލާހާއެކު ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

މިރޭ ބޭއްވި ޖަލްސާގައި ފުލުހުންގެ ބިލު ފާސްކުރަން 59 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ފުލުހުންގެ ބިލުގައި ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ފުލުސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.

އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، އެބޭފުޅަކު ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމިދާނެ އެވެ. އެ ނިންމުން ތަންފީޒު ކުރަން ޕޮލިސް ކޮމިޝަނަރަށް ބޯޑުން އަންގަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ޕޮލިސް ބޯޑުން މައްސަލަ ބަލާ ނިންމާ އެކުލަވާލާ ރިޕޯޓުގައި އެ އޮފިސަރެއްގެ އާމްދަނީ އާއި ދަރަނީގެ ތަފްސީލްތަކާއި އަނބިންނާއި ދަރިންގެ މާލީ ބަޔާނުން ކަމެއް ފާހަގަ ވާނަމަ އެކަމާ އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބިފައިވާ ނަމަ އެކަންކަމާ އަދި މީގެ ކުރިން މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން އަދި އިތުރު ކޮމިޝަނަކުން އެ އޮފިސަރަކާ މެދު މައްސަލައެއް ބަލަމުން ދާނަމަ އެކަމާ ގުޅޭ މައުލޫމާތު ހިމެނަން ޖެހެ އެވެ.

ފުލުހުންގެ ބިލުގައިވާ ގޮތުން ރައީސް އައްޔަން ކުރައްވަން ޖެހޭ ޕޮލިސް ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެ ފަރާތްތަކަކީ؛

  • ރައީސް އައްޔަން ކުރައްވާ ދެ މެންބަރުން.

  • ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުން.
  • އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރުން.

ފުލުހުން ތެރޭގައި ބަޣާވާތްކޮށްފި ނަމަ ދައުވާ ކުރެވޭނެ

ފުލުހުން ތެރޭ ބަޣާވާތްކޮށްފި ނަމަ އެކަން ކުށެއްގެ ގޮތުގައި ކަނޑައަޅައި، ވަކިން ދައުވާ ކުރެވޭ ގޮތަށްވެސް ފުލުހުންގެ ބިލުގައި ހިމަނާފައިވެ އެވެ.

ބިލުގައިވާ ގޮތުން ފުލުހުންގެ ތެރޭގައި ނުވަތަ ފުލުހުން އެހެން ބަޔަކާ ބައިވެރިވެގެން ބަޣާވާތްކޮށްފިނަމަ، ނުވަތަ ބަޣާވާތެއްކުރަން އުޅެފި ނަމަވެސް އެއީ ކުށެކެވެ. އަދި އެފަދަ ކަމެއް ކުރަން ރޭވުން، އެފަދަ ކަމަކަށް ހިތްވަރުދިނުން، އެހެން ބަޔަަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެކަން ސިއްރު ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި "ބަޣާވާތްކުރުން" އެ ބަހުގެ މާނަ ވަރަށް ފުޅާކޮށް ލިޔެ، ބަޣާވާތުގެ އަމަލުތައްވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފުލުހަކަށްވެ ހުރެ، ފުލުހުން ތެރޭގައި އެހެން ފުލުހަކާ ނުވަތަ ފުލުހުންގެ ބަޔަކާ ބައިވެރިވެ، ނުވަތަ ފުލުހުން ނޫން ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުން ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމާއި ނުވަތަ އެ މަގުސަދުގައި ތިމާ އަދާކުރަން ޖެހޭ ޑިއުޓީތަކާއި ހަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެން މީހުންނަނަށް ހިތްވަރުދީ ހެދުމަކީ ބަޣާވާތްކުރުން ކަމަށް ބުނެފައިވެ އެވެ.

ބައާވާތް ކުރުމުގެ ތެރޭގައި ހިމެނޭ އަމަލުތައް:

  1. ފުލުހުންގެ އިސް މީހަކަށް ނުވަތަ ވެރިޔަކަށް ލިބިދީފައިވާ ބާރެއް ނިގުޅައިގަތުން.

  2. ގައުމީ ސަލާމަތައް ނުރައްކާވާ ފަދަ ހާލަތްތަކުގައި ފުލުހުންގެ ވެރިން ކުރާ އަމުރުތަކަށް ކިޔަމަން ނުވުމާއި ހަވާލު ކުރެވޭ މަސައްކަތްތަކަށާއި ޑިއުޓީތަކަށް ނުދިޔުން.
  3. ފުލުހުންގެ މަސައްކަތަށާއި ޑިއުޓީއަށް ހުރަސް އެޅުން.
  4. ޑިއުޓީގައި ހުންނަ ފުލުހަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި ބާރުގެ ބޭނުން ކުރުން.
  5. ފުލުހުންގެ ހަތިޔާރާއި އާލާތްތައް ގަދަބާރުން އަތުލުން.
  6. ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އިމާރާތްތަކަށް ނުވަތަ އާލާތްތަކަށް ނުވަތަ ވަސީލަތްތަކަށް ގެއްލުންދިނުން ނުވަތަ ހަލާކު ކުރުން.
  7. ފުލުހަކު ޑިއުޓީއަށް ބަހައްޓާފައި ހުރި ތަނަކަށް ގަދަކަމުން ވަންނަން އުޅުން ނުވަތަ ބާރުގެ ބޭނުންކޮށްގެން ބިރުދައްކައި، އެތަނަކަށް ތިމާ ނުވަތަ އެހެން ބަޔަކު ވެއްދުން.

ބިލުގެ އެ ބާބުގައި ބުނާ ގޮތުން އެއްވެސް ފަރާތަކުން ފުލުހަކަށް ޣައިރުގާނޫނީ އަމުރެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ އެއްވެސް އަމުރަކަށް ފުލުހަކު ތަބާވެގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބިލުގައި ވާގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ބަދަލުގައި ދެން ކިޔާނީ ދިވެހި ފުލުހުންގެ ހިދުމަތެވެ. އެ ބިލުގައި ވަނީ ފުލުހުން އަމަލުކުރަންޖެހޭ ތަފްސީލުގޮތެއްގައި ލިޔެފަ އެވެ.