24 Jan 2012, 14:39
ސަރުކާރުން ގާނޫނާ ޚިލާފަށް ކުރާ ކަންތައްތައް ކުށްވެރިކޮށް ރައްޔިތުންގެ ނަމުގައި ސަރުކާރަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރަން 23 ޑިސެމްބަރު އިއްތިހާދުން ފަށައިފި އެވެ.
މިއަދު ނަލަހިޔާ ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި ޕެޓިޝަންގައި ސޮއިކުރުން ފައްޓަވައިދެއްވީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚު އިމްރާން އަބްދުﷲ އެވެ.
އިމްރާންގެ އިތުރުން މި ހަފުލާގައި ސިޔާސީ ޕާޓީތަކުން ބައިވެރިވި ބޭފުޅުން މިއަދު ވަނީ ޕެޓިޝަންގައި ސޮއިކޮށްފަ އެވެ.
ޕެޓިޝަނުގައި ސޮއިކުރުން ފައްޓަވައި ދެއްވުމާ އެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ނާއިބް ލީޑަރު އަހުމަދު މުހައްމަދު ]އަންޑޭ[ ވިދާޅުވީ މި ޕެޓިޝަނަކީ ރައްޔިތުންގެ ނަމުގައި ސަރުކާރަށް ހުށަހަޅާ ޕެޓިޝަނެއް ކަމަށާއި މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި ވެސް މި ޕެޓިޝަންގައި ސޮއިކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.
އަންޑޭ ވިދާޅުވީ ސަރުކާރު ގާނޫނީ އިމުގެ ތެރެއަށް އައުމަށް ގޮވައިލާ މިފަދަ ޕެޓިޝަނެއް ސަރުކާރަށް ހުށަހަޅަން ނިންމީ ގާނޫނޫ އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ނިގުޅައިގެންފައި ވާތީ އާއި ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަސްކަރިއްޔާ އިން ހައްޔަރުކުރިކުރުން ކުށްވެރިކޮށް އެކަމާ ރައްޔިތުން އިހުތިޖާޖުކުރާކަން ސަރުކާރަށް ހާމަކޮށްދިނުމަށް ކަމަށެވެ.
"މިއަދު ދިވެހި ރައްޔިތުންގެ ނަމުގައި ސޮއިކުރަން ފެށުނު ޕެޓިޝަނަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތަކަށް ދުލާއި ގަލަން ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ އިރު އެކަން ނިގުޅައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާތީ އާއި ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާ (ހ) އާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅޭތީ އާއި އަދި މިކަމާ ގުޅިގެން ކޯޓުތަކުން ނެރުއްވާފައިވާ އަމުރުތަކާ ޚިލާފަށް ސަރުކާރުން އަމަލުކުރައްވަމުން ގެންދަ ވާތީ މިކަންކަމުގައި ދިވެހި ރައްޔިތުން އިހުތިޖާޖް ކުރާކަން ސަރުކާރަށް ހާމަކޮށްދިނުމަށް،" އަންޑޭ ވިދާޅުވި އެވެ.
ނަލަހިޔާ ހޮޓެލްގައި ބެއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އިންތިގާލީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުން ކުރަމުންގެންދާ ޣައިރު ގާނޫނީ ކަންތައްތަކުން މިގައުމު ދިފާއުކުރުމަށް ޓަކައި ސާބިތުކަމާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ]އަބްދުﷲ ގާޒީ[ ހައްޔަރުކުރީ ޖުޑީޝަރީގެ ބާރު ކަނޑުވާލުމަށް ކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަބްދުﷲ ގާޒީ މިނިވަންކުރަންދެން އެ ބޭފުޅުން ކުރަމުން މިގެންދާ މުޒާހަރާތައް މެދު ނުކެނޑި ކުރިއަށްގެންދާނެ ކަމަށެވެ.