06 Dec 2020, 20:14
ލޯކަލް ކައުންސިލުތަކުގެ އިންތިހާބު މާޗު މަހުގައި ބޭއްވުމަށް ކުރަން ޖެހޭ ކަންކަން ކުރަން ދައުލަތުގެ އިދާރާ ތަކުން އިލެކްޝަންސް ކޮމިޝަނަށް ފުރުސަތު ދިނުމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ގޮވާލައްވައިފި އެވެ.
މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިންތިހާބު މިހާރު އިއުލާނުކޮށްފައި އޮތް ތާރީހަށް ނުބޭއްވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުގެ އިދާރާތަކުން އިލެކްޝަންސް ކޮމިޝަނުން މިހާރު އިންތިހާބު ބާއްވަން އިއުލާނުކޮށްފައި އޮތް ތާރީހުގައި މި އިންތިހާބު ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން ޖެހޭނެ،" އަލީ ނިޔާޒު ވިދާޅުވި އެވެ.
އަލީ ނިޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަން ކުރަން ޖެހޭ ކަންކަމަށް ފުރުސަތު ނުދިނުމަށް ދައްކާނެ ގާނޫނީ ހުރަހެއް އޮތް ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.
މިހާރު އިލެކްޝަންސް ކޮމިޝަނުން އެދެނީ އިންތިހާބާ ގުޅިގެން އެތެރޭގެ އިދާރީ މަސައްކަތްތަކެއް ކުރުމުގެ ހުއްދައަކަށް ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. އަދި އެ ހުއްދަ ދޭން އޭނާ ގޮވާލި އެވެ.
އިންތިހާބު ލަސްވުމުން ދެން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. އެއީ މިހާރު އޮތް ލޯކަލް ކައުންސިލުތަކުގެ ހާއްސަ ގާނޫނުން ކައުންސިލުތަކަށް ދީފައިވާ ބޮޑެތި ބާރުތަކެއް ހިފަހައްޓާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިތުރަށް އެއް އަހަރަށްވުރެ ދެން ދިގުދެމިގެން ދާގޮތަށް އަނެއްކާވެސް މިހާރު ތިބި ކައުންސިލަރުން ތިބުމަކީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ފެންނާތީ ކައުންސިލު އިންތިހާބު އެ އޮތް ތާރީހުގައި ބޭއްވުމަށް ދޭން ޖެހޭ އެންމެހާ އެއްބާރުލުން ސަރުކާރުގެ ހުރިހާ އިދާރާދަކުން ދިނުމަށް އަޅުގަނޑު އެ ފަރާތްތަކަށް ގޮވާލަން،" އަލީ ނިޔާޒު ވިދާޅުވި އެވެ.
އަލީ ނިޔާޒުގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލު އިންތިހާބު ބާއްވަން ކުރަން ޖެހޭ ކަންކަމަަށް ފުރުސަތު ދިނުމަށް މަޖިލީހުން ސިޓީއަކުން ސަރުކާރުގެ އިދާރާތަކަށް ދަންނަވާނެ ކަމަށެވެ.
މިހާރު ލޯކަލް ކައުންސިލުތަކުގެ އިޖްތިހާބު ބާއްވަން ނިންމާފައިވަނީ މާޗު މަހުގެ ހަވަނަ ދުވަހު އެވެ. ލޯކަލް ކައުންސިލު އިންތިހާބު އެންމެ ފުރަތަމަ ބާއްވަން އުޅުނު މިއަހަރުގެ އޭޕްރީލް މަހު އެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އިންތިހާބު ބާއްވާނެ އެކަށީގެންވާ މާހައުލެއް ނެތުމުން ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން އިންތިހާބު ފަސްކުރީ އެވެ.