ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ މިނި ސްޕޯޓްސް ކޮމްޕްލެކްސްގެ ގައުމީ މާޝަލް އާޓްސް ސެންޓަރާއި ޓީޓީ ހޯލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވަވާދެއްވައިފިއެވެ.

ގައުމީ މާޝަލް އާޓްސް ސެންޓަރާއި ޓީޓީ ހޯލް ރައީސް ސޯލިހު ހުޅުއްވަވާދެއްވާފައި ވަނީ މިއަދު ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށް ފަހު އެވެ. އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްވެސް ވަނީ ބައިވެރިވެ ވަޑައިންނަވާފައެވެ.

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި އެކިއެކި ކުޅިވަރު އެސޯސިއޭޝަންގެ އިސް ވެރިންނާއި، އެޗްޑީސީގެ އިސް ވެރިންނާއި، ގިނަ އަދަދެއްގެ އެތްލީޓުންގެ އިތުރުން ބެލެނިވެރިންވެސް ވަނީ ބައިވެރިވެފައެވެ.

މިއަދު ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު އާއި މިނިސްޓަރު މަހުލޫފްގެ އިތުރުން ކޫޑޯ މޯލްޑިވްސްގެ ރައީސް އައްޝާމް އަބްދުﷲ އާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރައީސް އަހުމަދު މާހިދު އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއިލް ސުޖާއު ވަނީ ވާހަކަ ދައްކަވަފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގައި އެންމެ އިސްކަމެއް ދޭ ދެކަމަކީ ވަސީލަތްތައް ގާއިމް ކުރުމަށާއި ކުޅިވަރަށް ސިޔާސީ ނުފޫޒެއް ނުފޯރުވުންކަން ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ސަރުކާރުން ކުޅިވަރަށް ކޮށްދެއްވާފައިވާ ކަންކަން ފާހަގަކޮށް، ސަރުކާރުން ކުރިއަށް ގާއިމްކުރަން ރާވާފައިވާ ކުޅިވަރުގެ ވަސީލަތްތަކަށް ރައީސް ވަނީ އަލިއަޅުވާލާފައެވެ.

އޭގެ އިތުރުން ރައީސް ވަނީ އެކިއެކި މުބާރާތްތަކުގައި ރާއްޖެއަށް ރަން މެޑަލްތަކާއި ވަނަތައް ހާސިލްކޮށްދިން ފަރާތްތައް ފާހަގަކޮށްފައެވެ. އެގޮތުން އައިއޯއައިޖީ އާއި އޭޝިއަން ގޭމްސް އަދި ޗެސް މުބާރާތުގައި ރާއްޖެއިން ރަން މެޑަލް ހޯދި ފަރާތްތައް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.