ހިޔާ މަޝްރޫއުގެ އެޗް-7 ކެޓަގަރީ ނުވަތަ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއިން އެންމެ ގިނަ ބަޔަކަށް ޕޮއިންޓް ގެންލިފައިވަނީ "ދިރިއުޅުމުގެ ހާލަތު"ގެ ބައިން ކަމަށް އާންމު އެކުވެރިންގެ ގުޅުން ޖަމިއްޔާއިން ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ކުރަން ފެށި މަސައްކަތަށް ފަހު އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓު ވަނީ މި މަހުގެ ފުރަތަމަ ދުވަހު އާންމުކޮށްފައެވެ.

ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ހައްގުގައި މަސައްކަތްކުރަން އުފެއްދި ޖަމިއްޔާ، "އާންމުންގެ އެކުވެރި ގުޅުމުން" މިރޭ ބުނެފައިވަނީ ފްލެޓު ކޮމެޓީއިން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު މަދުކޮށް އެތައް ބައެއްގެ ފްލެޓު ގެއްލުވާލާފައިވާ ކަމަށެވެ.

އަދި އެ ބަޔަށް ޕޮއިންޓް ދޭ އުސޫލެއް ލިޔެވިފައި ނެތް އިރު އަނގަ ބަހުންވެސް ބުނެފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ އުސޫލެއް ކަނޑައަޅާފައި ނެތުމުގެ ސަބަބުން ފްލެޓް ކޮމިޓީއަށް ބޭނުންވާ ބަޔަކަށް ޕޮއިންޓް ދިނުމުގެ ފުރުސަތު ހުޅުވިގެންދާ ކަމަށެވެ.

"ހަމަ އެހެންމެ ވުޖޫދުގައި ނެތް އުސޫލެއްގެ މައްޗަށް ބިނާކޮށް ދޭ ޕޮއިންޓަކީ އުފެދުމުގައިވެސް ބާތިލު އެއްޗެއްކެވެ. ކަނޑައެޅި ބަޔާާންވެފައި ނެތް އުސޫލެއްގެ މައްޗަށް ބިނާކޮށް ޕޮއިންޓު ދިނުމަކީ ކުރެވޭނެ ކަމެއްނޫނެވެ،" އެ ޖަމިއްޔާއިން ބުނެއެވެ.

އެހެންކަމުން އެއީ ހުރިހާ ގޮތަކުންވެސް ކޮރަޕްޝަނަށް މަގުފަހިވުން އެކަށީގެންވާ ގޮތެއް ކަމަށް ޖަމިއްޔާއިން ބުނެ އެ މައްސަލަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

266 އަންހެނުން ޝަރުތު ހަމަނުވޭ!

އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ބުނެފައިވަނީ އެޗް7 ކެޓަގަރީއިން ޝަރުތު ހަމަ ނުވާ ކަމަށް ގިނަ ފަރާތްތައް ކަނޑައަޅާފައިވަނީ ތާކުންތާކުން ނުޖެހޭ އުސޫލެއްގެ ދަށުން ކަމަށެވެ.

އެގޮތުން 266 އަންހެނުން ޝަރުތު ހަމަނުވާ ކަމަށް ބުނެފައިވާއިރު އެފަރާތްތައް ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައަޅާފައިވަނީ ފިރިން މާލެ ނުވަތަ ވިލިމާލެ އަދި ހުޅުމާލޭގައި ވަޒީފާ އަދާ ނުކުރާތީ އެވެ. އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި ހަމަ ނުޖެހޭ އުސޫލެއް ކަަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ދިވެހި އަނބިން، ދަރިން ގޮވައިގެން މާލޭގައި އުޅޭއިރު ވަރަށް ގިނަ ފިރިން މަސައްކަތް ކުރަމުންދަނީ މާލެއިން ބޭރުގައި ނުވަތަ ރިސޯޓެއްގައި ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

"މިއުސޫލުގެ ދަށުން އާއިލާ މާލޭގައި ދިރިއުޅެމުން ފިރިމީހާ ވަޒީފާއަށް ތިލަފުއްޓަށް ދާނަމަވެސް މިއޮންނަނީ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިއެވެ. މިއީ ދަރިންބަލަން ގޭގައި އިންނަން މަޖްބޫރު އަނބިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ،" އެ ޖަމިއްޔާއިން ބުންޏެވެ.

ޝަރުތު ހަމަނުވާ އިތުރު 410 މީހުންނަކީ މާލެ ނުވަތަ ވިލިމާލެ އަދި ހުޅުމާލެއިން ބޭރުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. އެފަރާތްތަކުގެ ޝަރުތު ފުރިހަމަ ނުވަނީ އެ ސަބަބާ ހުރެއެވެ.

އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ބުނެފައިވަނީ އެ ފަރާތްތަކަކީ އާއިލާ މާލޭގައި ބައިތިއްބައިގެން ރިސޯޓުތަކުގައި މަސައްކަތް ކުރަމުންގެންދާ ފަރާތްތައް ކަމަށް އެޖަމިއްޔާއިން ބުނެއެވެ. އެ ފަރާތްތައް ރިސޯޓުގައި ވަޒީފާ އަދާކުރުމަކީ ފްލެޓަށް ޝަރުތު ހަމަނުވާންވީ ސަބަބަކަށް ވެގެން ނުވާނެ ކަމަށްވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު އެތައް ބައެއްގެ ކަންބޮޑުވުންތައް ދަނީ ހިއްސާކުރަމުންނެވެ.